ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާއަށްޓަކައި ސަރުކާރާއެކު މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރައްވާފައިވާ އިލްތިމާސް ތަކުރާރުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ، ދެވަނަ ފަހަރަށް ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް އެގޮތަށް އިލްތިމާސް ކުރެއްވި އެންމެ ބޮޑު އެއް ބޭނުމަކީ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުން ކަމަށެވެ.

މުއާޒު ވިދާޅުވީ، ރައްޔިތުންގެ ފައިދާއަށްޓަކައި ސަރުކާރުން ކޮށްދެއްވާ ކަންތައްތަކަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމު ކުރެވިގެން ދިއުން ކަމަށެވެ.

"އެހެންކަމުން އިދިކޮޅު ފަރާތްތަކެއް ވަކި ގޮތަކަށް މަގުމައްޗަށް ނުކުމެ މަގުތައް ހަލަބޮލި ކުރުމުގެ މަސައްކަތްތަކެއް ކުރެއްވި. ހުދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދެވި އަދި އޭގެ ކުރީގައި އެންމެ ފުރަތަމަ މަރުހަލާގެ ތެރޭގައި އެމަނިކުފާނު ސިޔާސީ ބައެއް ބޭފުޅުންނާ ވެސް ހަމަ ބައްދަލު ކުރެއްވި އިނގޭތޯ. އެއީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާ ވެސް އެމަނިކުފާނު [ރައީސް ޔާމީން] ބައްދަލު ކުރެއްވި ދެއްތޯ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ، އޭރުވެސް އަދި މިހާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

"އޭގެފަހުން ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އައްޔަން ކުރެއްވި އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް. އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ނަންފުޅުވެސް ރައީސް ޔާމީން ފޮނުއްވެވި. ހަމައެކަނި މަގުސަދަކީ ރާއްޖެއަށް ހަމަޖެހުން ގެނައުން އަދި ރައްޔިތުންގެ ފައިދާއަށްޓަކައި ލާބައާ މަންފާއަށްޓަކައި މަސައްކަތް ކުރުމުގެ ފުރުސަތާއި ޖާގަ ދިނުން. އެމަނިކުފާނު އަނެއްކާވެސް މިކަން ތަކުރާރު ކުރެއްވުމުގެވެސް އެންމެ ބޮޑު އެއް ބޭނުމަކީ މަޝްވަރާގެ ދޮރު މިއޮތީ ހުޅުވިފައިކަން، ރާއްޖެއަށް ހަމަޖެހުން ގެނައުމަށް ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރައްވާ ނަމަ ނުވަތަ ކުރައްވަން ބޭނުންފުޅުވާ ނަމަ އިދިކޮޅު މައިގަނޑު ތިން ސިޔާސީ ޕާޓީ ވެސް ހަމަ މިހާރުވެސް އެ ފުރުސަތު އެބައޮތްކަން،" މުއާޒު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ދެވަނަ ފަހަރަށް ރައީސް ޔާމީން އިލްތިމާސްކުރައްވާފައިވާ އިރު މުއާޒު ވިދާޅުވީ، މަޝްވަރާ ކުރައްވާނީ ރައީސް ޔާމީން ކަމެއް ނުވަތަ ވަކި މިނިސްޓަރެއް ކަމެއް އަދި ދަންނަވަން ދަތި ކަމަށެވެ.