ރާއްޖެއަށް ބަޑިބޭހާއި ފަޓާސް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިއަދު ކަސްޓަމްސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ކަސްޓަމްސް އޮފިސަރު އައިމިނަތު ލިއުޝާ ވިދާޅުވީ، މި މަހުގެ ހަ ވަނަ ދުވަހު ކޮލަމްބޯއިން މާލެ އައި ދެ ދިވެއްސެއްގެ އަތުން 600 ގްރާމްގެ ފަޓާސް ފެނިފައިވާ ކަމަށެވެ.

ބަޑިބޭހާއި ފަޓާހަކީ އެމްއެންޑީއެފްގެ ވަކި ހާއްސަ ހުއްދައެއްނެތި ރާއްޖެއަށް އެތެރެ ކުރުން މަނާ އެއްޗެކެވެ.

ލިއުޝާ ވިދާޅުވި ގޮތުގައި އެތަކެތި އެތެރެކޮށްފައި ވަނީ އެމީހުން ލައިގެން ތިބި ޖިންސުގެ ފަހަތު ޖީބަށްލައި ފޮރުވައިގެންނެވެ. އަދި އެ އެއްޗެހި ހުރީ ވަރަށް ބޮޑަށް ޓޭޕް އޮޅައި ޕްލާސްޓިކް ކޮތަޅުތަކެއްގެ ތެރެއަށް ލައި ފޮރުވައިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޑިބޭހާއި ފަޓާސް އެތެރެ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

ލިއުޝާ ވިދާޅުވީ، އެމީހުން އެތަކެތި އެތެރެކޮށްފައިވަނީ އެއީ ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތިކަން އެނގިތިބެ ކަމަށެވެ.

"އެތަކެތި އެތެރެކުރި ގޮތަށް ބަލާއިރު މިއީ މަނާތަކެތިކަން އެނގިގެން ފޮރުވައިގެން އެތެރެ ކުރަން އުޅުނު ތަކެތި،" ލިއުޝާ ވިދާޅުވި އެވެ.

ބަޑިބޭހާއި ފަޓާސް ރާއްޖެ އެތެރެކުރުން މަނާކޮށްފައިވަނީ 1988ގެ ފަހުންނެވެ. އޭގެ ކުރިން އެތަކެއްޗަކީ ރާއްޖެއަށް އެތެރެކޮށް ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވޭ އެއްޗިއްސެވެ.

އަދި ގާނޫނުން ވަނީ ހުއްދަނެތި އެފަދަ ތަކެތި އެތެރެކުރާ ފަރާތްތަކަށް ބޮޑެތި އަދަބު ތަކެއް ވެސް ކަނޑައަޅާފަ އެވެ.