14 May 2015, 11:44
ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހައި-ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ދިރާގުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
އެ އެއްބަސްވުމުގެ ދަށުން 230އަށް ވުރެ ގިނަ ސްކޫލަށް ހައި-ސްޕީޑް އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭނެ އެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު ވިދާޅުވީީ، ތައުލީމީ ދާއިރާއަށް ހިދުމަތް ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ.

ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު -- ސަން ފޮޓޯ: ފަޔާޒް މޫސާ
" ވަރަށް ޚާއްސަ އަގެއްގައި ސްކޫލްތަކުގެ ބޭނުންވާ ގޮތަށް ފަރުމާކޮށްފައި ހުރި ހައިސްޕީޑް އިންޓަނެޓް ޕެކޭޖްގެ ހިދުމަތް ދެވޭނެ" ކަަމަށް އިސްމާއިލް ވިދާޅުވި އެވެ.
އާންމުކޮށް އިންޓަނެޓް ހިދުމަތްދޭ އަަގަށް ވުރެ 50 ޕަސެންޓް އަގު ހެޔޮކޮށްދޭ ހިދުމަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމު ވިދާޅުވީ، ދިރާގުން އަބަދުވެސް ތައުލީމީ ދާއިރާއަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ހިދުމަތްކުރަމުންދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމު -- ސަން ފޮޓޯ: ފަޔާޒް މޫސާ
" މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލަކީ ޓެކްނޮލަޖީ ފްރެންޑްލީ ސްކޫލްތަކަކަށް ހެދުން" ކަމަށް އައިޝަތު ޝިހާމު ވިދާޅުވިއެވެ. އަދި ސްކޫލްތަކުގެ ޓީޗަރުންގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ކިޔަވަމުންދާ ޓީޗަރުން ކަމަށާއި އެހެންކަމުން އެ ޓީޗަރުން ތައުލީމް ހޯދުމަށް ވެސް އެ ހިދުމަތް އިސް ދައުރެއް އަދާކުރާނެ ކަަމަށެެވެ.
އިންޓަނެޓް ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ބުނެއެވެ.