ސުނާމީގައި މަރުވި މީހުންގެ ހަނދާނުގައި ސަރުކާރުން ބިނާކޮށްފައިވާ ސުނާމީ ބިނާ ހުރިތަނުން އެހެންތަކަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ ސުނާމީ ބިނާ ތ. ވިލުފުއްޓަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން އެދެފި އެވެ.

ވިލުފުށީ ކައުންސިލުގެ ރައީސް ހުސައިން ޖަބީން ސޮއިކުރައްވައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ސުނާމީގައި އެންމެ ގިނަ މީހުން ނިޔާވެ އެންމެ ބޮޑެތި ގެއްލުންތަކެއް ވެފައި ވަނީ ވިލުފުއްޓަށް ކަމަށާއި، އަދި މިހާތަނަށް ސުނާމީގެ ހަނދާނުގައި އެއްވެސް ބިނާއެއް އެރަށުގައި އިމާރާތްކުރެވިފައި ނުވާ ކަމަށެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ސުނާމީ ބިނާ މިހާރު ހުރިތަން ނޫން އެހެންތަނަކަށް ބަދަލުކުރާއިރު، " އެ ބިނާ މިރަށަށް ބަދަލުކުރެވޭނެ ގޮތް ހައްދަވައި ދެއްވުން އެދެން" ކަމަށެވެ.

ހުޅުމާލެއާއި މާލެއާ ދޭތެރޭ އަޅާ ބްރިޖު މާލެއިން ގުޅުވައިދޭނެ ސަރަހައްދަކީ ސުނާމީ ބިނާގެ ސަރަހައްދެވެ. އެހެންކަމުން ސުނާމީބިނާ މިހާރު ހުރިތަނުން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް މިނިސްޓަރު އޭރު ފާހަގަ ކުރެއްވީ ސުނާމީ ބިނާ ބަދަލުކުރާނީ މާލޭގެ ސަރަހައްދަކަށް ކަމަށެވެ. އަދި ބަދަލުކުރަނޭ ވަކި ސަރަހައްދެއް އަދި ނިންމާފައި ނުވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.