14 May 2015, 11:31
ދުނިޔޭގެ ނިސްބަތުން ބަލާނަމަ ޖައްވުގެ ތެރެއަށް ވިހަގޭސް ރާއްޖެއިން ދޫކުރަނީ އެންމެ 0.003 ޕަސެންޓު ކަމަށާއި ބާކީ އޮތްބައި އެހެންގައުމުތަކުން ދޫކުރި ނަމަވެސް އޭގެ ނުރައްކާ އެންމެބޮޑި ރާއްޖެއަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އެއްބަސްވުމަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޖައްވަށް ވިހަގޭސް ދޫކުރާ މިންވަރު މަދުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޑު އުފުލަންޖެހޭ ކަމަށެވެ.
"ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ނޭދެވޭ އަސަރު މިކުރަނީ އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ގައުމުތަކަށް. އެހެންވީމަ އަޅުގަނޑުމެން އިންޓަނޭޝަނަލް ޕްލެޓްފޯމްގަ އަޑު އުފުލާނަން އަދި މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން މިއަދުވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށާއި އެކަންކަން ދުނިޔެއަށް ދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން މަސައްކަތް ކުރައްވާ ކަމަށެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަލަށް އެކުލަވާލެވި މިއަހަރު ފަހުކޮޅު އެއްބަސްވުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ އެއްބަސްވުމަކީ ކުދި ޖަޒީރާ ގައުމުތަކުގެ ދެމިއޮތުމާއި ދެމެހެއްޓެނިވި ތަރައްގީގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުމަކަށް ހެދުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.
އެ އެއްބަސްވުން ވާންޖެހޭނީ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން އާއި މިޓިގޭޝަންގެ މެދުގައި ހަމަހަމަކަމާއި އިންސާފާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު އެންމެބޮޑަށް ފޯރާ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ރައްކާތެރިކޮށް ލިބިދާނެ ގެއްލުންތައް ކުޑަކުރާ އެއްބަސްވުމަކަށް ކަމަށެވެ.