ސްޕެނިޝް ލީގްގައި ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލު ކުރި މެޗްގައި ރެއާލްގެ ކޯޗް ކާލޯ އަންޗަލޯޓީ އެ މެޗްގެ ރެފްރީއާ މެދު ޢަމަލް ކުރި ގޮތުގެ ސަބަބުން އޭނާ ދެ މެޗަށް ސަސްޕެންޑްކޮށްފި އެވެ.

އެ މެޗްގެ ރެފްރީ ކާލޯސް ކާލޯ ގޯމޭޒް އެމެޗްގެ ރިޕޯޓްގައި ލިޔެފައިވަނީ ހޯމް ޓީމްގެ ކޯޗް އޭނާއާ 30 މީޓަރު ދުރުގައި ހުރެފައި އޭނާއަށް އިހްތިރާމް ކުޑަގޮތަކަށް އަމަލުކުރި ކަމަށާއި އަދި ހަމަ އެސިސްޓެންޓް ރެފްރީއާ މެދުވެސް އޮގޮތަށް ޢަމަލުކޮށްފައިވާ ކަމަށެވެ.

ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރެފްރީއާ މެދު ނުވަތަ މެޗްގެ އިދާރީކަންކަން ބަލަހައްޓަން ހުންނަ މީހަކާ މެދު އިހްތިރާމް ކުޑަވާ ގޮތަށް ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ސަސްޕެންޑު ކުރެވޭނެކަމަށާއި އެ ސަސްޕެންޝަން ދެ މެޗަށް ނުވަތަ ތިން މެޗަށް ނުވަތަ އެއް މަސް ދުވަހަށް ކުރެވިދާނެކަމަށެވެ.

އަންޗޮލެޓީ ދެ މެޗަށް ސަސްޕެންޑްކޮށްފައި ވާއިރު ރެއާލްއިން މިސީޒަންގައި ދެން ކުޅެންވެސް އޮތީ ދެ މެޗެވެ. އެއީ މިމަހު 17 ވަނަ ދުވަހު އެސްޕެނިޔޯލްއާ ދެކޮޅަށް ކުޅެން އޮތް މެޗާއި 24 ވަނަ ދުވަހު ގަޓޭފޭއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ވެލެންސިއާ މެޗް ނިމުނީ 2-2 ން އެއް ވަރުވެގެންނެވެ. އެމެޗުން ރެއާލް އެއްވަރުވުމުން އެއްވަނައިގައި އޮތް ބާސާލޯނައާ ރެއާލާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފައެވެ. އެއްވަނައިގައި ބާސާ އޮތީ 90 ޕޮއިންޓާއެކުއެވެ. ރެއާލް ދެ ވަނައިގައި އޮތީ 86 ޕޮއިންޓާއެކުއެވެ.