14 May 2015, 09:59
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ފަރާތުން މިއަހަރުވެސް ފައިނޭންސް ފޯރަމް ބާއްވާނެ ކަަމަށް އެ އޮފީހުން ބުނެފި އެވެ.
'ސަން' އަށް މައުލޫމާތުދެއްވަމުން، ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއީލް ސުޖާއު ވިދާޅުވީ، ފައިނޭންސް ފޯރަމް އޮންނާނީ މި މަހު 20 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ކަމަށެވެ.
" ފޯރަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން މިދަނީ. މި ފޯރަމްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ބައެއް މާލީ އިދާރާތައް ބައިވެެރިވޭ،" ސުޖާއު ވިދާޅުވި އެވެ.
މި އަހަރުގެ ފޯރަމުގައި ބޫޓާންގެ ޕެންޝަން ފަންޑުގެ ބޭފުޅުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަަމަށް ސުޖާއު ވިދާޅުވި އެވެ. މީގެ އިތުރުން ވޯލްޑް ބޭންކުގެ ތަޖުރިބާކާރުން ވެސް ބައިވެރިވެއެވެ.
" ވޯލްޑު ބޭންކުންވެސް އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާކުރާނެ. އެއީ ފޯރަމްގެ މުހިންމު ކަަމަކަށް ވާނެ ސަބަބަކީ މިހާރު ކުރިއަށްދާ ޕެންޝަން ސްކީމަކީ ވޯލްޑް ބޭންކުގެ ފަންނީ އެހީ ލިބިގެންދާ ސްކީމެއް. އެ ބޭފުޅުން ރާއްޖެ އަދި އެހެން ގައުމުތަކުގައި ކޮށްފައި ހުރި ތަޖުރިބާގެ މައުލޫމާތު ދެއްވާނެ،" ސުޖާއު ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ އިދާރާ ތަކުން ވެސް މި ފޯރަމްގައި ބައިވެރިވާނެ ކަަމަށް ސުޖާއު ވިދާޅުވި އެވެ. އޭގެ ތެރޭގައި މަރުކަޒީ ބޭންކު، ސީއެމްޑީއޭ، ފިނޭންސް މިނިސްޓްރީ އަދި ބޭންކު ތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
މި ފޯރަމްގައި އޮންނަ ޕެނަލް ޑިސްކަޝަނެއްގައި ޕެންޝަނުގައި މިހާރު ހުރި ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވޭނެ އެވެ.
މިއީ ޕެންޝަން އޮފީހުން މި ފޯރަމް ބާއްވާ ހަތަރު ވަަނަ އަހަރެވެ.