ބަޣްދާދު (މޭ 14): އައިއެސް ޖަމާއަތުގެ ދެވަނައަށް އެންމެ އިސްލީޑަރު އަބުލްއަލާއުލްއިފްރީ މަރާލައިފިކަން އިރާގު ސަރުކާރުން ހާމަކޮށްފި އެވެ.

އިރާގުން މިހެންބުނެފައި މިވަނީ އެމެރިކާގެ ވައިގެ ޙަމަލާތަކެއްގައި އައިއެސްގެ އެންމެ އިސްލީޑަރު އަބޫބަކުރުލްބަޣްދާދީ ވަރަށް ބޮޑަށް ޒަޚަމްވެފައިވާކަމަށް އެމެރިކާ ބުނެފައިވަނިކޮށެވެ.

އިރާގުގެ ދިފާއީ ވުޒާރާގެ ތަރްޖަމާން ބްރިގޭޑިއާ ތަހްސީން އިބްރާހީމް ހާމަކުރެއްވިގޮތުގައި އަބުލްއަލާއުލްއިފްރީ މަރުވީ އައިއެސްއާ އިދިކޮޅު ކޯލިޝަންގެ ގައުމުތަކާ ގުޅިގެން އިރާގު ސިފައިން މިހަފްތާގައި ދިން ކުއްލި ޙަމަލާތަކެއްގައެވެ.

އިރާގުގެ މީޑީޔާއަށް ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ، އިފްރީ މަރާލެވުނީ އިރާގު ސިފައިން އިރާގުގެ އުތުރުގެ ތެލަޢުފަރާއި އެނޫންވެސް ސަރަހައްދުތަކުގައި މިހާރު ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންގައި ކަމަށާއި މި އޮޕަރޭޝަންގައި އައިއެސް ޖަމާއަތުގެ އިސް ފަނޑިޔާރެއް ކަމަށްވާ މުއްލާ މައިސިރު ވެސް މަރާލެވިފައިވާ ކަމުގައެވެ.

އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ ކޯލިޝަންގެ ތަރްޖަމާނަކު ވަނީ ތެލަޢުފަރާއި އެހިސާބުގަނޑުގައިވާ އައިއެސްގެ އަމާޒުތަކަކަށް ޙަމަލާތަކެއްދިންކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާއިން ވެސް އަދި އައިއެސް އިންވެސް އަބުލްއަލާއުލްއިފްރީގެ މަރާބެހޭގޮތުން އަދި އެއްޗެއް ބުނެފައެއްނުވެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އައިއެސް ޖަމާއަތުގެ ދެވަނަ ލީޑަރު އަބުލްއަލާއުލްއިފްރީ އާއި އެޖަމާއަތުގެ އިސް ފަނޑިޔާރެއްކަމަށްވާ މުއްލާ މައިސިރު މަރުވީ ތެލަޢުފަރުގެ އަލްޢިޔާޟާ ސަރަހައްދުގައި އައިއެސްގެ ގިނަ އަދަދެއްގެ ކޮމާންޑަރުންނާ އަދި ހަނގުރާމަވެރިންނާއެކު ބޭއްވި ބައްދަލުވުމަކަށް އިރާގު ސިފައިން އެއްގަމު މަގުން ދިން ވަރުގަދަ ޙަމަލާތަކެއްގައެވެ. މިބައްދަލުވުން ކުރިޔަށްދާކަން އިރާގުގެ ދިފާއީ ވުޒާރާއަށް އެންގިކަމަށްވަނީ ކޯލިޝަންގެ ޖާސޫސީ ޔުނިޓުންނެވެ.

އިފްރީ މަރާލެވުނުކަން އިރާގުގެ ތެލަޢުފަރު ނިސްބަތްވާ އިރާގުގެ ނައިނަވީ ގަވަރނޭޓްގެ ގަވަރުނަރު އިޘީލް އައްނަޖަފީވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަނެއްކޮޅުން އެމެރިކާގެ ވައިގެ ޙަމަލާތަކެއްގައި ޒަޚަމްވެފައިވާ ކަމަށްބުނެވޭ އައިއެސްގެ ޚަލީފާ އަދި އިސްލީޑަރު އަބޫބަކުރުލްބަޣްދާދީ މިހާރު އެނދުމަތިކުރެވިފައިވަނީ އައިއެސްގެ ކޮންޓްރޯލް އޮންނަ އިރާގުގެ ސަރަހައްދެއްގެ ހޮސްޕިޓަލެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ޙަމަލާތަކުގައި ބަޣްދާދީއަށް ލިބުނު ގެއްލުންތަކާއެކު އޭނާ ޕެރަލައިޒް ވެފައިވާ ކަމަށްބެލެވިފައިވާއިރު އައިއެސްގެ އެއްވެސް ހަރަކާތަކުން ބަޣްދާދީ ނުފެންނަތާ އެތަށް ހަފްތާއެއް ވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. (ނޫސްއެޖެންސީތައް)