14 May 2015, 09:56
ދުނިޔޭގެ ތަހުޒީބީ ގައުމުތަކަށް ބަލާ އިރު އެ ގައުމުތަކުގެ އިގްތިސާދީ އެއް ސިޔާސަތަކަށް ވެފައި ވަނީ ގައުމުގެ ކުންފުނިތައް ހިމާޔަތް ކުރުމެވެ. އެ ކުންފުނިތަކަށް މާލީ އަދި އެހެނިހެން ގޮންޖެހުންތަކާއި ކުރިމަތިވާ އިރު ވެސް އެ ކުންފުނިތައް ކޮޅަށް ޖެހުމަށް އެހީތެރިވުމަކީ އެގައުމުތަކުގެ ސިޔާސަތެވެ. ސިޔާސީ ނުފޫޒާއި އިގްތިސާދު މުޅިން ވެސް އޮންނަނީ ވަކިކޮށްފަ އެވެ. އޭގެން އެއް މިސާލަކީ އެެމެރިކާ އެވެ. ދެހާސް އަށް ވަނަ އަހަރު ކުރިމަތިވި މާލީ ކާރިސާ އިން އަރައިގަތުމަށް އެމެރިކާގެ މަޝްހޫރު ކުންފުނި، ޖެނެރަލް މޮޓޯސް އަށް 51 ބިލިއަން ޑޮލަރު އެމެރިކާ ސަރުކާރުން އިންވެސްޓް ކުރި އެވެ. އަދި މި ނޫން ވެސް އެތައް ކުންފުންޏަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނެވެ. މިއީ ތަރައްގީ ވެފައިވާ ގައުމުތަކުން ގަބޫލް ކުރާ އުސޫލެވެ. އެ ސަރުކާރުތަކުން އެގޮތަށް އަމަލު ކުރާ މައިގަނޑު ސަބަބަކީ އެތައް ހާސް ބައެއްގެ ވަޒީފާ ސަލާމަތް ކުރުމާއި އިގްތިސާދަށް ކުޑަ ލޮޅުމެއް ވެސް އަޔަ ނުދިނުމެވެ.
ގަބޫލް ކުރަން ޖެހޭ އަނެއް ހަގީގަތަކީ ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ދެއްކުމަކީ ކޮންމެ ކުންފުންޏަކުން ވެސް ކުރަން ޖެހޭނެ ކަމެއް ކަން ގަބޫލު ކުރުމެވެ. އެއީ ރައްޔިތުންގެ ހައްގެވެ. އެހެން ކަމުން އެކަމުން ރެކުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެ އެވެ. އެނޫން ނަމަ ފެނިގެންދާނީ ބޮޑެތި ކުންފުނިތަކުން ނުދައްކާ، ކުދި ކުންފުނިތަކުން ދައްކާ އެއްޗަކަށް ޓެކްސް ބަދަލުވެގެންދާ ތަނެވެ.
ދައުލަތަށް ފައިސާ ނުދައްކާތީ މިވަނީ 11 ކުންފުންޏެއްގެ އެކައުންޓްތައް ފުރީޒް ކޮށްފަ އެވެ. އެއީ އެތައް މިލިއަން ޑޮލަރެއް ނުދައްކައިގެންނެވެ. އޭގެން ގިނަ ކުންފުނިތަކަކީ ދިވެހި އިގްތިސާދުގައި މުހިންމު ދައުރެއް އަދާ ކުރާ ކުންފުނިތަކެވެ.
ފްރީޒު ކުރި އެކައުންޓަތަކުގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވިލާ ޝިޕިން އާއި ވިލާ ހޮލިޑޭސްއާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ހިމެނެ އެވެ. ވިލާ އިން ދައުލަތަށް 90 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ނުދައްކަ އެވެ. މީގެ އިތުރުން އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އާއި ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީޑީސީ އާއި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޖަޒީރާ ޕްރައިވެޓް ލިމިޓެޑާއި ތްރީއޭ ކޮމްޕެނީގެ އިތުރުން މެދުފުއްޓާއި ލެގޫން އިންވެސްޓްމަންޓާއި އެގްޒޯޓިކް ޕްރޮޕަޓީސް އާއި ކަނިފުށި އިންވެސްޓްމަންޓާއި އަހުމަދު ވަހީދު އާއި އަބްދުﷲ އަލީގެ އެކައުންޓްތަކެވެ.
އެކައުންޓްތައް ފުރީޒް ކޮށްފައިވާ އިރު މީރާ އިން އެ އެކައުންޓްތައް އަނބުރާ ހުޅުވާލެވެން އޮންނަނީ އެ އެކައުންޓަކުން ދައްކަން ޖެހޭ މިންވަރަށް ފައިސާ ލިބުމުންނެވެ. ނުވަތަ އެ އަދަދަށް ފައިސާ އެކައުންޓްތަކުގައި ނެތް ނަމަ 45 ދުވަހުގެ ތެރޭގައި އެކައުންޓްތައް ދޫކޮށްލުމުގެ ބާރު މީރާ އަށް ލިބިގެންވެ އެވެ. ނަމަވެސް އެ އެކައުންޓްތަކުގައި އެ އަދަދަށް ފައިސާ ނެތި ވެސް އެ އެކައުންޓްތައް ހިފަހައްޓައިގެން ދައްކަން ޖެހޭ ފައިސާ އަނބުރާ ލިބޭނެ ކަމަށް ކޮމިޝަނާ ޖެނެރަލް އަށް ގަބޫލު ކުރެވޭ ހާލަތްތަކުގައި އެކައުންޓަތައް ހިފެހެއްޓެ އެވެ. އެވަރުން ފައިސާ ނުދައްކައިފި ނަމަ ސަރުކާރުން ދޭ ހިދުމަތްތައް އެކުންފުންޏަކަށް ދިނުން ހުއްޓާލުމުގެ ބާރު ލިބިގެންވެ އެވެ.
މިއަދު އެތައް ކުންފުންޏެއްގެ އެކައުންޓްތައް ފުރީޒުކޮށްފައިވާ އިރު އެއީ ސިޔާސީ ޕޯޑިއަމްތަކުން އިންޒާރު ދެވިގެން ހިނގާ ކަމަށް ވެގެން ނުވާނެ އެވެ. އިގްތިސާދާ ދޭތެރޭ އެއަށް ވުރެ ފުންކޮށް ވިސްނަން ޖެހެ އެވެ. ފައިސާ ދައްކަން ޖެހޭކަން އެއީ ހަގީގަތް ނަމަވެސް ސިޔާސީ ޕޯޑިއަމްތަކުގައި އެ ޒުވާބު ހިންގައި އެ ޕޯޑިއަމްތަކުން އެކަންކަމަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަކީ މުޅި ގައުމީ މަސްލަހަތު އޮތް ގޮތް ކަމަށް ވެގެން ނުވާނެ އެވެ.
ކުންފުނިތަކުގެ ކުށާ އެކު ވެސް މިހިނގި ކޯޅުންތަކުގެ ސަބަބުން ލޮޅިލޮޅި މިއޮތް އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނާނެ އެވެ. އޭގެ އެއް މިސާލަކަށް ބަލަމާތޯ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ވިލާގެ އެކައުންޓްތައް ފުރީޒްކޮށްފައިވާ އިރު އެ ކުންފުނީގައި ޖުމުލަ 4500 މުއައްޒިފުން އެބަތިއްބެވެ. އޭގެ ތެރެއިން 2800 މީހުންނަކީ ދިވެހި މުވައްޒަފުންނެވެ. މީގެ ނޭދެވޭ އަސަރު މުއައްޒަފުންނަށް ކުރާނެ ކަމާ މެދަކު ޝައްކެއް ނެތެވެ. އެހެން ކަމުން މިއީ އެތައް ހާސް އާއިލާއަކަށް ދިމާވާނެ ދައްޗެކެވެ. ހަމައެއާ އެކު ވިލާއާ ގުޅިގެން ހިންގާ އެތައް ވިޔަފާރިއަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ.
"އެކަމުގެ ސަބަބުން ގެއްލިގެން ދަނީ ވިލާގެ ހިއްސާދާރުންނާއި މި ކުންފުނީގެ ހައްގު އެކަންޏެއް ނޫން. ކުންފުނީގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނާއި މި ކުންފުންޏަށް ބަރޯސާ ވެގެން ވިޔަފާރި ކުރަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި އަޅުގަނޑުމެންގެ ރިސޯޓްތަކަށް ބުކިން ހަދާފައިވާ ގެސްޓުންނާއި ޓުއާ އޮޕަރޭޓަރުންނާ ވަރަށް ގިނަ ބައެއްގެ ހައްގުތަކެއް ގެއްލިގެން މިދަނީ،" ވިލާ ކުންފުނީގެ އެގްޒެކްޓިވް ޑައިރެކްޓަރު، ފިނޭންސް ޝިމާދު އިބްރާހިމް ވިދާޅުވި އެވެ.
ޓޫރިސްޓު ރިސޯޓް ހިންގުމާއި ސަޕްލައިކުރުމުގެ އިތުރުން ބޮންޑެޑް ވެއާހައުސް ހިންގާ ޔޮޓްޓުއާސްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެކައުންޓްތައް ފުރީޒު ކުރުމާ އެކު ވިޔަފާރި ހުއްޓިގެން ދިޔައީ ކަމަށެވެ. އެއީ ދައުރުކުރާ އެކައުންޓެއް ކަމަށާއި އެއެކައުންޓް ފުރީޒް ވުމުން "ޔޮޓްޓުއާސްގެ ވިޔަފާރިތައް ހުއްޓިފައިވާ" ކަމަށް ވިދާޅުވި އެވެ.
މިކަންކަން މިހެން ވުމުން ދެން އެ ބޮޑެތި ކުންފުނިތަކުން ކުރާނެ ކަމަށް ވާނީ ޚަރަދުތައް ކުޑަކުރުމެވެ. އޭގެ ތެރެއިން އެންމެ ބޮޑު ފިޔަވަޅަކަށް ވާނީ މުއައްޒިފުން މަދު ކުރުމެވެ. އަނެއްކާ ވެސް ވަޒީފާނެތް އިންސައްތަ މައްޗަށް ޖެހިލަނީ އެވެ. އިގްތިސާދަށް ހީނަރު ކަމެކެވެ. ނުވަތަ ސަރުކާރުން އަނެއްކާ މުސާރަތަކެއް ދޭން ޖެހެނީ އެވެ. ވަޒީފާތަކެއް އުފައްދަން ޖެހެނީ އެވެ. އޭގެ ބަދަލުގައި އެކުންފުނިތަކަށް އިތުރު ފުރުސަތުތަކެއް ދިނުން ބުއްދިވެރި އެވެ.
ހަމައެއާ އެކު ތައުލީމާއި އެފަދަ އެތައް ހިދުމަތެއް ރައްޔިތުންނަށްދޭ ކުންފުނިތައް ހިމެނޭ އިރު އެ ކުންފުނިތައް ހުއްޓުމަކަށް އައުމަކީ އެތައް ދަރިވަރުންގެ މުސްތަގުބަލަށް ވެސް އެޅޭނެ ހުރަސްތަކެވެ. ހަމަ އެހެންމެ މިއީ ކުދި އެތައް ވިޔަފާރިއަކަށް ވެސް އޮތް ގޮންޖެހުމެކެވެ.
ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު ކޮންމެ ބަޔެއްގެ ކުށަކުން ނަމަވެސް މިވީ ކަންތަކުން އިންވެސްޓާ ކޮންފިޑެންސް ގެއްލޭނެ އެވެ. ވިޔަފާރީގެ މާހައުލާ ދޭތެރޭ އޮންނަ ޔަގީންކަން ގެއްލެ އެވެ. ހަމައެހެންމެ އެކައުންޓް ފުރީޒް ކުރި ކުންފުނިތަކާ ގުޅިގެން ވިޔަފާރި ކުރި ކުށެއް ނެތް އެތައް ކުންފުންޏެއްގެ ހައްގުތައް ވެސް މީގެ ސަބަބުން ގެއްލިގެންދާނެ އެވެ. އެހެންކަމުން މިފަދަ ކަންކަން އިގްތިސާދަށް ކުރިމަތިވިޔަ ނުދޭން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންއެބަޖެހެ އެވެ.
"ކޮންމެ ގައުމަގެއްގައި ވެސް އިގްތިސާދީ މައިގަނޑު ސިޔާސަތަކީ ގައުމުގެ ވަޒީފާގެ ފުރުސަތު އިތުރު ކުރުން. ދެވަނަ ކަމަކީ އިންފްލޭޝަން ބޮޑުވިޔަ ނުދީ އެކަށީގެންވާ ވަރެއްގައި ހިފެހެއްޓުން. ހަމައެއާ އެކު ގައުމުގެ އުފެއްދުންތެރިކަން ކުރިއެރުވުން، ނަމަވެސް މިހެން ވުމުން އެތައް މުއައްޒަފަކު ކަނޑާލާނެ. އެއީ ވަޒީފާ ނެތް މީހުންގެ ނިސްބަތް މަދު ކުރުމަށް ދިމާވާ ބޮޑު ގޮންޖެހުމެއް،" އިގްތިސާދީ މާހިރަކު ވިދާޅުވި އެވެ.
މިކަން މިގޮތަށް ހުރި އިރު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ ކުންފުންޏެއްގެ އެކައުންޓް ފުރީޒްކޮށްގެން 5000 ރައްޔިތުންގެ ހައްގު ގެއްލޭ ކަމަށް ބުނާ އިރު އެ ފައިސާ ނުދެއްކުމުން 340،000 ރައްޔިތުންގެ ހައްގު ގެއްލޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފައިސާ ނުދެއްކުމުން އިގްތިސާދަށް އަސަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިކޮނޮމީއަށް ޓެކްސް ޕޭޔަރުން ފައިސާ ނުދެއްކީމާ ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދޭ ދިޔައީ. އެމީހުންނަށް އަދިވެސް އޮތް ފުރުސަތަކީ ޓެކްސްގެ ގޮތުގައި ނެގި ފައިސާ ދެއްކުން،" ތައުފީގް ވިދާޅުވި އެވެ.
ދައުލަތަށް ނުލިބޭ އާމްދަނީއެއް ނުލިބޭ ނަމަ އެންމެ ފުރަތަމަ ފިޔަވަޅަކަށް ވާން ވާނީ މަޝްވަރާގެ މަތިން އެކަން ކުރުމެވެ. މަޝަވަރާ އިން ގޮތެއް ހޯދުން މުހިންމެވެ. ކުންފުނިތަކަށް ނުއުފުލޭ މާލީ ބުރައެއް ދިނުމަކީ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި ޖޫރިމަނާއެއް ހިމަނައިގެން ނަމަވެސް އިތުރު ފުރުސަތުތަކެއް ދޭން ޖެހެ އެވެ. ވާހަކަ ދައްކައިގެން މައްސަލަ އަށް ހައްލެއް ހޯދޭތޯ ބަލަން ޖެހެ އެވެ. ދިގު ރާސްތާ މުއްދަތެއް ދިނުން އެއީ ބުއްދިވެރި ގޮތެވެ. އެއީ ވަކި ބަޔަކަށް ވީމައެއް ނޫނެވެ. އެކަން އެގޮތަށް ކުރުން މުހިންމު ވަނީ ނިކަމެތި އެތައް މުއައްޒަފަކާއި އިގްތިސާދަށް ގެއްލުންވާތީ އެވެ. އެހެންކަމުން މިފަހަރުގެ މިކަންތަކުގައި ވެސް އަދި ވެސް ދުލެއް ދެވެން އޮތް ނަމަ އެފަދަ ދުލެއް ދިނުން މުހިންމެވެ. ސަރުކާރެއްގެ އަމާޒަކަށް ވާންވީ ބަޔަކަށް އަދަބެއް ދިނުމުގެ ބަދަލުގައި ކޮންމެ ކުންފުންޏެއް ވެސް ހިންދެމިލުމަށް ފުރުސަތު ދިނުން ކަމުގައިވާން ޖެހެ އެވެ.