14 May 2015, 09:28
ބުންޖަމްބޫރާ (މޭ 14): އެފްރިކާގެ މެދުތެރޭގެ ގައުމެއް ކަމަށްވާ ބުރުންޑީގެ ރައީސް ޕިޔޭރް ނުކޫރުވުންޒީޒާ ވެރިކަމުން އަޒުލުކޮށް އޭނާގެ ސަރުކާރުގެ ބަދަލުގައި އިންތިގާލީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެގައުމުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
ބުރުންޑީގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގޫޑްފަރްވީދު ނިޔުމްބާރީ އިޢުލާން ކުރެއްވިގޮތުގައި މިވަގުތު އަވަށްޓެރި ޓެންޒެނިޔާގައި ހުންނެވި އެގައުމުގެ ރައީސް ނުކޫރުވުންޒީޒާ އަށް ގައުމުގެ ކޮންޓްރޯލެއް ނެތެވެ.
އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށްޓަކައި ބުރުންޑީގެ ދީނީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަސްކަރީ އިންގިލާބެއްގައި ނުކޫރުވުންޒީޒާގެ ވެރިކަން ބަދަލުކޮށްލިކަމަށް ސިފައިންގެ ވެރިޔާ ސަރީޙަކޮށް ވިދާޅެއް ނުވެއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ބުރުންޑީގެ ވެރިކަމުގެ ހާލަތު މިހާރުއޮތްގޮތް ސާފުނުވާ ކަމަށާއި އަސްކަރީ އިންގިލާބެއްގައި އެގައުމުގެ ރައީސް ޕިޔޭރް ނުކޫރުވުންޒީޒާ މަގާމުން ދުރުކޮށްފައިވާކަން ކަށަވަރު ނުވާކަމަށް ބުނެފައެވެ. އަދި ބުރުންޑީގެ ހާލަތު ވަރަށް ގާތުން ބަލަމުންގެންދާކަމަށްވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ރިޔާސީ ތިންވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވިކަން ރައީސް ނުކޫރުވުންޒީޒާ މީގެތިން ހަފްތާކުރިން އިޢްލާން ކުރެއްވުމާއެކު އެގައުމުވަނީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިފައެވެ.
ބުރުންޑީގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެގައުމުގެ ސަރުކާރާއި ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި ރައީސް ޕިޔޭރް ނުކޫރުވުންޒީޒާއަށް ދީފައިވަނީ ރިޔާސީ ދެދައުރުގެ ފުރްސަތެކެވެ. ނަމަވެސް ދެދައުރު ހަމަވުމަށްފަހު ތިންވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަން އިޢްލާން ކުރެއްވުމާއެކު ނުކޫރުވުންޒީޒާއަށް ވަނީ އިދިކޮޅު ޕާޓީތަކާއި ކުރީގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ އިތުރުން ރައްޔިތުންގެ ފިއްތުންތައްވެސް ކުރިމަތި ވެފައެވެ. (ރޮއިޓާސް)