14 May 2015, 00:39
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާއާ މެދު އިންސާނިއްޔަތާ ޚިލާފު އެއްވެސް އަމަލެއް ހިންގާފައިވޭތޯބަލައި ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ޕޮލިސް ކޮމިޝަނަރު މިރޭ ސަން އަށް ވިދާޅުވީ އީސައާ މެދު އިންސާނިއްޔަތާ ޚިލާފު އެއްވެސް އަމަލެއް ފުލުހުން ހިންގާފައިވާނަމަ، އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނެ ކަމަށެވެ.
"އީސަ އެދައްކާ ވާހަކަފުޅުގައި އެއްވެސް ހަގީގަތެއްވާނަމަ، ނުވަތަ އޭނައާ މެދު އިންސާނިއްޔަތާ ޚިލާފު އެއްވެސް އަމަލެއް ފުލުހުން ހިންގާފައިވާނަމަ އެމައްސަލަ ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނަން،" ކޮމިޝަނަރު ވިދާޅުވި އެވެ.
މިމަހުގެ އެއްވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ހައްޔަރުކުރި އީސަގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސްޖަހާފައެވެ. އެހެންނަމަވެސް ޑޮކްޓަރުގެ ރިކޮމެންޑޭޝަންސްތަކަށް ބެލުމަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް އީސަ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ އެހީތެރިކަމާ އެކު ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާ ކޯޓަށް ހާޒިރު ކުރަނީ --- ސަން ފައިލް ފޮޓޯ
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އީސަ ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ފުލުހުން އޭނާ ހައްޔަރުކުރުކޮށް އިންޒާރުދިނުމަށްފަހު އަނިޔާކޮށްފައިވާ ކަމަށެވެ.
އީސަ ވިދާޅުވީ އޭނާގެ ކަރާ ދިމާލުންނާއި އުނަގަނޑާ ދިމާލުން މައިބަދައަށް އަނިޔާ ވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނިންމާފައި ވަނީ މައިބަދައަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާދީފައިވާތީ ކަމަށެވެ.
މޭޑޭ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ޗާންދަނީމަގުގައި ފުލުހަކަށް އަނިޔާކުރަމުންދަނިކޮށް، އެކަން ހުއްޓުވަން އީސަ ވަނީ މަސައްކަތް ކޮށްފައެވެ.