14 May 2015, 09:19
ގެއްލިފައިވާ މެލޭޝިއަން އެއާލައިން އެމްއެޗް 370 ހޯދުމަށްޓަކައި ބަލަމުން އަންނަ ކަނޑުގެ ސަރަހައްދަކުން މިހާތަނަށް ގެއްލިފައިވާކަން އެނގިފައިނުވާ ކަނޑު ބޯޓެއްގެ ގިނަ ބައިތަކެއް ކަނޑު އަޑިން ފެނިއްޖެ އެވެ.
ބީބީސީ އިން ބުނީ އެ ބޯޓު ފެނުނީ އެމްއެޗް 370 ހޯދުމަށް ބަލަމުން އަންނަ އިންޑިއާ ކަނޑުގެ ސަރަހައްދަކުން 4000 މީޓަރު އަޑިން ކަމަށެވެ.
އެމްއެޗް 370 ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ ޓީމުގެ ލީޑަރު ޕިޓާ ފޯލޭ ބުނެފައި ވަނީ ގެއްލުނުކަން ކުރިން ނޭނގޭ ކަނޑު ބޯޑެއް ކަނޑު އަޑިން ފެނުމަކީ ވަރަށް ޝައުގުވެރިކަމެއް ކަމަށާއި އެމްއެޗް 370 ހޯދުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ހުއްޓާ ނުލާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ބޯޓު ފެނިފައިވާ އިރު އެ ސަރަހައްދުގައި އެމްއެޗް 370 އޮތްނަމަ އެ ފްލައިޓް ވެސް ފެންނާނެ ކަމަށެވެ.

ކަނޑުއަޑިން ފެނިފައިވާ ބައެއް: ތަކެތި: އެ ބޯޓުގެ ބައިތަކަކީ ގެއްލިފައިވާކަން މިހާތަނަށް ނޭންގޭ ބޯޓެއްގެ ބައިތަކެއް
"އަޅުގަނޑުމެން މިތިބީ ވަރަށް މާޔޫސްވެފައި އެއީ އެމްއެޗް 370 އަށް ނުވުމުން. ނަމަވެސް މި ހޯދުމުން އަޅުގަނޑުމެންނަށް ޔަގީންވެއްޖެ އަޅުގަނޑުމެންގެ ހޯދުންތަކުގައި ހަރަކާތްތެރިވާ މި ޓީމަކީ އަދި ގެންގުޅޭ ވަސީލަތްތަކަކީ މިކަމަށް ގާބިލު ވަސީލަތްތަކެއް ކަން. މި ސަރަހައްދުގައި އާދަޔާ ހިލާފު ކަންތައްތަކެއް ހިނގާފައި ވާކަން މި ހޯދުމުން އެނގިއްޖެ. އަޅުގަނޑުމެން އެ ފްލައިޓް ހޯދާނަން،" އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބްރިއު (އޭޓީއެސްބީ) ގެ އޮފިޝަލު ފޮލޭ އޭޕީ އަށް ބުންޏެވެ.
އޮސްޓްރޭލިއާގެ މެރިޓައިމް މިއުޒިއަމްގެ ސީނިއާ އާކިއޮލޮޖިސްޓެއް ކަމަށްވާ މައިކަލް އެމްސީކާތީ ބުނެފައި ވަނީ ކަނޑު އަޑިން ފެނުނު ބޯޓަކީ 19 ވަނަ ގަރުނުގައި ބޭނުން ކުރި ކާގޯ ބޯޓެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ސަރަހައްދުގައި އާދަޔާ ހިލާފު ކަންތައްތަކެއް ހިނގާފައި ވާކަން އެ ހޯދުމުން އެނގިއްޖެ ކަމަށް އޭނާ ވެސް ބުންޏެވެ.
އެމްއެޗް 370 ހޯދުމަށް މިހާރު ބަލަމުން އަންނަ ސަރަހައްދުން އެއްވެސް އެއްޗެއް ނުފެނިއްޖެ ނަމަ ހޯދި ސަރަހައްދުގެ ޑަބަލް ސަރަހައްދެއް އިތުރަށް ބަލާނެ ކަމަށް ސާޗް ޓީމުން ބުންޏެވެ. އެމްއެޗް 370 އޮންނާނެ ކަމަށް ބެލެވޭ 60،000 ސްކޮޔާ ކިލޯ މީޓަރުގެ ސަރަހައްދެއް އަންނަނީ ބަލަމުންނެވެ.