ދުނިޔޭގެ އެންމެ ބޮޑު ބިއްލޫރި "ވޯކްވޭ" ނުވަތަ ބްރިޖުގެ ރެކޯޑު ޗައިނާ އިން މުގުރާލައިފި އެވެ.

"ހޯސްޝޫ"އެއް ގޮތައް ތައްޔާރުކޮށްފައިވާ އެ ބިއްލޫރި ވޯކްވޭ ހުޅުވާފައި ވަނީ ޗައިނާގެ ޗޮންކިންގް ގައެވެ. ބިމުގެ 2،350 ފޫޓު އުސްމިނުގެ ފަރުބަދައެއްގައި ހަދާފައިވާ އެ ބްރިޖު ބޭރަށް 87.5 ފޫޓު ހުރެ އެވެ.

މީގެ ކުރިން އެފަދަ ވޯކްވޭ އެއްގެ ރެކޯޑް ގާއިމު ކޮށްފައި ވަނީ އެރިޒޯނާގެ ގްރޭންޑް ކެނިޔަންގައި އިން ސްކައިވޯކް އެވެ. ޗައިނާގައި ހުޅުވި ބިއްލޫރި ވޯކްވޭ އަކީ ގްރޭންޑް ކެންޔަންގައި ހުރި ސްކައިވޯކް އަށް ވުރެ 16.4 ފޫޓު ދިގު ބްރިޖެކެވެ.

"ޔުއަންޑުއަން"ގެ ނަމުން ނަން ދެވިފައިވާ އެ ބްރިޖް އިންނާނީ ލޮންގަންގް ނޭޝަނަލް ޖޯގްރަފިކަލް ސައުތު ޕާކްގައެވެ. އޮފިޝަލުން ބުނާ ގޮތުގައި، 8.0 މެގްނިޓިއުޑްގެ ބިންހެލުމުގައި އެ ވޯކްވޭ ހިފަހައްޓާނެ ކަމަށެވެ.

ޖުމްލަ 5.6 މިލިއަން ޑޮލާސް ހަރަދުވި އެ ޕްރޮޖެކްޓް ނިމިފައި ވަނީ އެ ބްރިޖުގެ މަސައްކަތް ކުރުމާ ހަވާލުވެތިބި ފަރާތުން ނިންމަން ބުނި ތާރީހަށް ވުރެ ކުރިންނެވެ.