އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅުނު ފަހު މެޗުގައި ލާއޯސްގެ ލާއޯ އެފްސީއާ ބައްދަލު ކުރި މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޕޮއިންޓަކާއެކު ނިއުއިން މުބާރާތް ނިންމާލައިފި އެވެ.

މެޗް ގައި ފުރަތަމަ ލީޑް ނެގީވެސް ނިއުއިންނެވެ. އެލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ފާސީރު ސެންޓޭއެވެ.

ލާއޯ އެފްސީން ނަތިޖާ ހަމަހަމަ ކުރީ، މެޗް ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށެވެ.

މިމެޗަށް ނިކުތް އިރު ނިއުގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ އަކުރަމް ޢަބްދުލް ޣަނީއާއި ވިލިއަމް މެކޯއަށް އަނިޔާގެ ސަބަބުން ނުކުޅެވެއެވެ.

މެޗަށް ނިކުތުމުގެ ކުރިން ނިއުރޭޑިއަންޓްގެ ވަގުތީ ކޯޗް ސޮބާހް މުޙައްމަދު ބުނީ މުހިންމު ދެ ކުޅުންތެޔަކަށް އަނިޔާވެފައިވާއިރު ނިއުގެ އަސްލު ކުޅުން ނުފެނިދާނެކަމަށެވެ.

ނަމަވެސް މެޗްގައި ނިއުއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މިދެޓީމް މާލޭގައި ކުޅުނު މެޗް 2-1 ގެ ނަތިޖައަކުން ކާމިޔަބު ކުރީ ނިއުރޭޑިއަންޓެވެ.

ނިއުއިން މުބާރާތް ނިންމާލީ ގްރޫޕް "އެޗް"ގެ ތިން ވަނައިގައި އޮވެގެންނެވެ. ހަ މެޗުން އެޓީމަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

އެ ގްރޫޕުން ދެ ވަނަ ބުރަށް ދިޔައީ އިންޑޮނޭޝިއާގެ ޕަރސިބް ބަންޑުންއާއި މިޔަންމާގެ އަޔަވެދީ ޔުނައިޓެޑެވެ.

ޕާސިބް، ގްރޫޕް އެއްވަނައިގައި އޮތީ 12 ޕޮއިންޓް ލިބިގެންނެވެ. އަޔެވެދީއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.

ގްރޫޕްގެ އެންމެ ފުލުގައި އޮތް ލާއޯ އެފްސީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.