13 May 2015, 19:25
ފުލުހުންގެ ހުއްދަ ނެތި މުޒާހަރާތަކުގައި ހަތަރު ފުރޮޅުލީ ވެހިކަލް ބޭނުންކުރުން މަނާކޮށްފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންގެ ހުއްދަ ނުނަގައި އެއްވުންތަކުގައި ހަތަރުފުރޮޅުލީ އުޅަނދު ބޭނުން ކުރާނަމަ އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށެވެ.
އެގޮތަށް ހަމަޖައްސާފައި ވަނީ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބޭ ފަރާތްތަކާއި ރައްޔިތުންނާއި މުދަލުގެ ސަލާމަތަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
"މިއަދުން ފެށިގެން މާލޭގައި އަދި އަތޮޅުތަކުގައި ބާއްވާ މިފަދަ އެއްވެސް އެއްވުމެއްގައި އަދި އެއްވެސް ޙަރަކާތެއްގައި އަޑުގަދަކުރާ ހަރުކޮށްގެން ނަމަވެސް އަދި އެނޫން ގޮތަކަށްވެސް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރެވޭނީ ފުލުހުންނަށް އެކަން ހުށަހަޅައި ފުލުހުންދޭ ހުއްދައެއްގެ ދަށުން ކަމުގައި ހަމަޖައްސައިފީމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ މިމަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އާއި އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީ އާއި ސިޔާސީ ބައެއް ފަރާތްތައް ގުޅިގެން މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހިރާ އިންތިޒާމުކުރި ފަރާތްތަކުން އެދުނު ފަދައިން ފުލުހުން ވަނީ ސަލާމަތާ ރައްކާތެރިކަންދީ، މުޒާހިރާ ބޭއްވުމަށް އެކަށޭނަ މާހައުލެއް ގާއިމްކޮށްދީފަކަމަށެވެ.
ނަމަވެސް ފުލުހުން ސަލާމަތާ ރައްކާތެރިކަން ދަމަހައްޓަމުންދަނިކޮށް، މުޒާހިރާ އިންތިޒާމުކުރި އިސްފަރާތްތަކުގެ އެދުމުގެމަތިން، މުޒާހިރާގެ ވަކި ހިސާބަކުން މުޒާހިރާގެ މިސްރާބު ބަދަލުކޮށް މުޒާހިރާގެ ބައިވެރިން ސަލާމަތީ ގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަންނަން އުޅެ ފުލުހުންނާ ކުރިމަތިލާން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މިގޮތަށް ފުލުހުންނާ ކުރިމަތިލައި، މުޒާހިރާގެ ބައިވެރިން ބޭނުންކުރަމުންދިޔަ އަޑުގަދަކުރާ ހަރުކޮށްފައިވާ ޕިކަޕް ބޮޑުތަކުރުފާނުމަގު މަސްމާރުކޭޓު ސަރަޙައްދުން ބަންދުކޮށްފައިވާ ސަރަހައްދުގައި ހުރި ބެރިކޭޑްތައް ދުއްވާލައި، ފުލުހުންގެ ސަފުތަކާ ދިމާއަށް ނުރައްކާތެރިކަމާއެކު ބާރު ސްޕީޑުގައި ދުއްވާފައިވަދެގެން ވަނީ ގޮސްފައެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެ މުޒާހަރާގައި ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބައެއް ފުލުހުންނަށް އަނިޔާދިނުމަށްފަހު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕް ހުއްޓުމަށް ފުލުހުން ތަކުރާރުކޮށް އެންގުމުންވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ނުރައްކާތެރި ދުއްވުމުގައި ޕިކަޕް ދުއްވަމުން ގޮސްފައިވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.