މީހުން ދެކޭ ގޮތުގައި ރާއްޖޭގެ ފަސްގަނޑުގެ ގޮތުން މޭބިސްކަދުރު ރާއްޖޭގައި ނުހެއްދޭނެ އެވެ. ހަގީގަތަކީ ހިތްވަރާއެކު މަސައްކަތް ކުރާ ދިވެހިން މިއަދު އެ ވިސްނުން ބަދަލުކޮށްލައިފި ކަމެވެެ. މިންނެތް މަސައްކަތުން ރާއްޖޭގައި މޭބިސްކަދުރު ވެޔޮަތައް ހައްދައި ތާޒާ ކަންމަތީ މޭބިސްކަދުރުގެ ދިވެހި ރަހަ އަރުތެރޭގައި ލައްވައިފި އެވެ.

ގިނަ ރަށްތަކުގައި މިހާރު މޭބިސްކަދުރު ހައްދައިގެން، އޭގެ ފޮނި މީރުކަން އެބަ ހޯދަ އެވެ.

މޭބިސްކަދުރުގެ ވެޔޮ މާލޭގެ ގެއެއްގައި

މާލޭގައި މީގެ ކުރިން ދިރިއުޅުނު އިބްރާހިމް އަދުނާނު އަނީސް އޭނާ ދިރިއުޅުން ގޭގައި މޭބިސްކަދުރު ހައްދާފައި -- ސަން ފޮޓޯ: އަދުނާނު

"މޭބިސްކަދުރުގެ ރަހަ ވަރަށް މީރު، ވަރަށް ފޮނި ވަރަށް ފޮނި، ބާޒާރުން މި ގަނެގެން ކާ މޭބިސްކަދުރު ނުވާނެ ހަމަ އެކައްޗަކަށް ވެސް،" މެރިން ޕޮލިހުގެ ވެރިއަކަށް ކުރިން ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވިދާޅުވި އެވެ.

ބަނޑޭރި ކޮށީގައި އަދުނާން ދިރިއުޅުނުއިރު ގޭގައި ހެއްދި މޭބިސްކަދުރުގެ ރަހަ ހިއްސާކޮށްލި އިރު ހަގީގަތުގައި ވެސް މޭބިސްކަދުރުގެ މީރު ކަމުގެ ރަހަލިއެވެ.

މޭބިސްކަދުރުގެ ކުޑަ އޮފިކޮޅެއް އަތޮޅު ތެރޭ ރަށަކުން ގެނެސް ގޯތި ތެރޭ ހުސް ތަންކޮޅެއްގައިި އެ އޮފިކޮޅު ޖަހައިގެން ފެންދީ ބެލެހެއްޓީ އުންމީދެއްގަ އެވެ. އަދުނާނު ވިދާޅުވީ ގޯތި ތެރޭގައި ތަފާތު މޭވާ އާއި ތަރުކާރީގެ ބާވަތްތައް އަޅާ ގަސްގަސް ހެއްދުމަކީ 'ހޮބީ'އެއްގެ ގޮތުގައި ކުރާ ކަމެކެވެ. އެގޮތުން އޭނާގެ އަންހެނުން ޝާހީން ވަހީދަކީ ގަސް ހެއްދުމަށް ޝައުގުވެރިކަން ހުއްނަ މީހެއް ކަމަށް އަދުނާނު ވިދާޅުވި އެވެ.

"ގޭގައި ދުވަހަކު ވެސް މިރުހެއް ގަނެގެނެއް ނުކަން. އެގޮތަށް ބައެއް އެއްޗިހި ހުއްނާނެ ގަނެގެން ނުކައި. އާމްދަނީ ހޯދާކަށް ނޫން. ހަމަ ހޮބީއެއްގެ ގޮތުން ގަސް ހައްދަނީ،" އަދުނާން ވިދާޅުވި އެވެ.

ގަސް ހެއްދުމުގެ އެ ޝައުގުވެރި ކަމުގައި އެއްކަލަ މޭބިސްކަދުރު އޮފިކޮޅު ކުރިފަޅައި ވެޔޮހެދި ބޮޑުވިގޮތް އަދުނާނު ހިއްސާކޮށްލިއިރު އަޑުގައި ޖޯޝެއް ހުއްޓެވެ. އަދުނާނު ފާހަގަ ކުރި ގޮތުން މޭބިސްކަދުރު ވެޔޮ ހެއްދުމަށް އެހެން ގަސްތަށް ހެއްދުމަށް ކުރާ މަސައްކަތުގެ އިތުރު މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ. ވެޔޮ ގަނޑަށް ބޭނުން ވަނީ އެކަށީގެންވާ އަޅާލުމެވެ.

މާލޭގައި މީގެ ކުރިން ދިރިއުޅުނު އިބްރާހިމް އަދުނާނު އަނީސް އޭނާ ދިރިއުޅުން ގޭގައި މޭބިސްކަދުރު ހައްދާފައި -- ސަންފޮޓޯ: އަދުނާނު

"ވެޔޮގަނޑު 10 ފޫޓަށް ދެމުން ތަނާ. ކުދިކުދި ފުއްތަކެއްހެން ކަހަލަ ގޮތަކަށް ނިކުމެއްޖެ އެއްޗިހިތަކެއް. އަޅުގަނޑުމެންނަކަށް އޭރަކު ނޭނގެ މޭބިސްކަދުރު ނިކުންނަ ގޮތެއް. އަންހެނުން ބަލާލާފަ ބުނެފި މޭޗިސްކަދުރޭ އެއީ،" އަދުނާނު ވިދާޅުވި އެވެ.

މާގިނަ ބޭހެއް މޭބިސްކަދުރު ހެއްދުމުގައި ބޭނުން ނުކުރި ނަމަވެސް ދެ ބޭހެއްގެ ނަން އަދުނާނު ފާހަގަ ކުރި އެވެ. އެއީ ފާޓި ޕްލަސް އަދި ރިހާކުރު ބޭހެވެ. އަދުނާނު ވިދަޅުވީ ކޮންމެ ގޮތްޕެއްގައި ދެ ކޯނި ތިން ކޯނި މޭބިސް ކަދުރު އަބަދުވެސް އަޅާފައި ހުންނަ ކަމަށެވެ. ވެޔޮގަނޑު ހެދުނު ފަހުން ހަތަރު އަހަރު ވަންދެން މެދުނުކެނޑި ގެއިން މޭބިސް ކަދުރުކާން ލިބުނު ކަމަށް އަދުނާނު ވިދާޅުވި އެވެ.

މާލޭގައި މީގެ ކުރިން ދިރިއުޅުނު އަދުނާނު އަނީސް އޭނާ ދިރިއުޅުން ގޭގައި މޭބިސްކަދުރު ހައްދާފައި -- ސަންފޮޓޯ/ އަދުނާނު

"އަޅުގަނޑުމެން އޭގެ ފަހަކުން މޭބިސްކަދުރެއް ބާޒާރަކުންވެސް ނުގަންނަން. ރޯދަމަހު ވެސް އަޅުގަނޑުމެންނަށް ބޮޑު ތައްޓެއްގެ ފުރާ މޭބިސްކަދުރު ކަނޑާލެވޭނެ. ގޭ އެންމެނަށް ގިނަވެސް ވޭ،" އަދުނާނު ވިދާޅުވި އެވެ.

އަދުނާނާއި އޭނާގެ އަންހެނުންގެ ހިވާގި މަސައްކަތުން މޭބިސްކަދުރު ހައްދައި ތާޒާކަން މަތީ ގިނަދުވަސްތަކެއް ވަންދެން ކެއެވެ. ނަމަވެސް އޭރު ދިރިއުޅުނު ގެ ދޫކޮށްލަން ޖެހުމުން ވެޔޮގަނޑުވެސް ދޫކޮށްލައި ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލު ކުރީ އެވެ.

އަންހެނުންފުށީގައި ވެސް މޭބިސްކަދުރު

ދަނޑުވެރިކަން ކުރަން ސަރުކާރުން ދީފައިވާ ރަށް އަންހެނުންފުށީގައި ދަނޑުވެރިޔާ ގަމީރާ އާދަމް ހައްދާފައިވާ މޭބިސްކަދުރު ވެޔޮ -- ސަންފޮޓޯ/ ގަމީރާ އާދަމް

ހީވާގި މަސައްކަތުން ފޮނި މީރު މޭބިސްކަދުރު ސަރުކާރުން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ އަންހެނުން ފުށީގައިވެސް ވަނީ ހައްދާފަ އެވެ. އަންހެނުން ފުށީގައި މޭބިސްކަދުރު ހެއްދުމުގެ މަސައްކަތް ކުރަމުންދަނީ ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކުރެވޭ ވަރުގެ ޚިދުމަތްތަކެއް ކޮށް ސަރުކާރުން ދެއްވި މިއަހަރު ރެހެންދި އެވޯޑު ހާސިލްކުރި އއ. ތޮއްޑޫ ދޫރެސް، ގަމީރާ އާދަމެވެ.

"ފުރަތަމަ އިންދި އިރު ނޭނގެ އަޅުގަނޑަށް އެ ހެއްދޭނެ ކަމެއް ވެސް. އެކަމަކު އެއީ ފަރަށް ފަސޭހައިން ރޯވާ އެއްޗެއް. އެ ހައްދާކަށް ރާއްޖޭގައި އެހާ އުނދަގުލެއް ނުވާނެ،" ދަނޑުވެރިކަމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ ގަމީރާ 'ސަން' އަށް ކިޔައިދިނެވެ.

ގަމީރާ ބުނީ "ބިލެތް ރޯކޮށްގެން ކުރި ހައްދާ އުސޫލުން" މޭބިސްކަދުރު ހެއްދޭ ކަމަށެވެ. ނަމަވެސް މޭބިސްކަދުރުގެ ސައިޒް ކުޑަވުމަކީ ދިމާވާ މައްސަލައެއް ކަމަށާއި، ބޮޑެތި ސައިޒުގެ މުޑުވަށް ބޭނުންވާ ކަމަށް ބުންޏެވެ. އަދި މޭބިސްކަދުރު ހައްދަން މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވެޔޮގަނޑު ކިތަންމެ ބޮޑުވިޔަސް އޭގައި ކަދުރު ނާޅާ ކަމަށް ބުނެ ކުރާ ޝަކުވާއަށް ގަމީރާ ވަނީ ހައްލެއް ބުނެދީފަ އެވެ.

ދަނޑުވެރިކަން ކުރަން ސަރުކާރުން ދީފައިވާ ރަށް އަންހެނުންފުށީގައި ދަނޑުވެރިޔާ ގަމީރާ އާދަމް ދަނޑުވެރިކަމުގެ މަސައްކަތުގައި -- ސަންފޮޓޯ -- ގަމީރާ އާދަމް

"އެހެން އެއްޗިއްސާއި ތަފާތު ގޮތަކަށް އެކި ގޮތް ގޮތަށް ކޮށަން ޖެހޭ އެއްޗެއް މޭބިސްކަދުރު ވެލަކީ. މި ހައްދަން ވެސް ކުރިތަށް ކޮށަން ޖެހޭނެ އަދި ވަކި ވަރަކަށް ހެދުނީމަ ދެން މުޅިވެޔޮ ކޮށާލީމަ ދެން އޭގައި ފަޅާ ކުރިތަކުން އަސްލު ކަދުރު އަޅާނި. އެގޮތަށް ކޮށަން ނޭނގޭތީ އެ ނާޅަނީ،" ގަމީރާ ބުންޏެވެ.

އަންހެނުން ފުށީގައި ގަމީރާ ހައްދާފައިވާ މޭބިސްކަދުރު ވެޔޮގަނޑު 30 ފޫޓު 20 ހާތަނަށް ފެތުރިފައި ވާކަމަށް އޭނާ ބުންޏެވެ. އަދި މޭބިސްކަދުރު ވަރަށް މީރުކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެ ވެޔޮގަނޑުން އެންމެ ގިނައިން ކެނޑުނު ފަހަރު 25 ކިލޯގެ މޭބިސްކަދުރު ކެނޑުނު ކަމަށް ގަމީރާ ބުންޏެވެ.

މޭބިސްކަދު ހެއްދުމަކީ މާބޮޑު ބުރަ މަސައްކަތަކުން ނޫނަސް ކުރެވިދާނެ ކަމެއްކަން ގަމީރާގެ ވާހަކަތަކުންވެސް ފާހަގަވި އެވެ. އޭނާ ބުނީ ވެޔޮގަނޑަށް ފެންދެނީ ދުވާލަކު އެއްފަހަރު ކަމަށާއި،" ކުރިތަށް ކޮށަން އެނގޭނަމަ އެއީ މާބޮޑު ކަމެއް ނޫން" ކަމަށެވެ.

ރާއްޖޭގައި މޭބިސްކަދުރުގެ ކުރިމަގެއް އެބައޮތް

ދަނޑުވެރިކަން ކުރަން ސަރުކާރުން ދީފައިވާ ރަށް އަންހެނުންފުށީގައި ދަނޑުވެރިޔާ ގަމީރާ އާދަމް ހައްދާފައިވާ މޭބިސްކަދުރު ވެޔޮ -- ސަންފޮޓޯ/ ގަމީރާ އާދަމް

މާލެ އާއި އަންހެނުން ފުށީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ޝައުގުވެރިކަން ހުރި ގިނަ ބަޔަކު މޭބިސްކަދުރު ދަނީ ހައްދަމުންނެވެ. އެހެންކަމުން މޭބިސްކަދުރު ރާއްޖޭގައި ހެއްދޭނެ ކަމަށް ގަބޫލުރެވެ އެވެ. އަދި ރާއްޖެއިން ބޭރުން މޭބިސްކަދުރު އެތެރެކުރުން މަދުވެ، ދިވެހިން ދިވެހިންގެ އުފެއްދުން ކެއުމުގައި ބޭނުން ކުރުމަކީ ފަހުރެކަށް ވެސް ވެގެންދާނެ އެވެ.

މޭބިސްކަދުރުގެ ވިޔަފާރި ރާއްޖޭގައި ކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތްކަން މޭބިސްކަދުރު ހައްދާ ފަރާތްތަކުގެ ވާހަކައިން ފާހަގަވި އެވެ. އަދި ރާއްޖެއިން ބޭރު އެތެރެކޮށް ބާޒާރުން ގަނެގެން މިކައި މޭބިސްކަދުރަށްވުރެ އަމިއްލަޔަށް ހައްދައިގެން މޭބިސްކަދުރު މީރުކަން ވެސް ފާހަގަވި އެވެ.

"މިއީ އެއްގޮތަކަށްވެސް ނުހެއްދޭނެ އެއްޗެއް ނޫން ބޭނުންވަނީ ހިތްވަރެއް،" ކުޅަދާނަ ދަނޑުވެރިޔާ ގަމީރާ ބުންޏެވެ.

"ބާޒާރުން ގަނެގެން މިކައި މޭބިސްކަދުރަށް ވުރެ އަމިއްލައަށް ހައްދައިގެން މާ މީރު މާ ފޮނި،" މާލޭގައި މޭބިސްކަދުރު ހައްދައިގެން ހަތަރު އަހަރުވަންދެން ކެއި އަދުނާނު ވިދާޅުވި އެވެ.

މޭބިސްކަދުރު ހެއްދި މީހުންގެ ވާހަކަތަކާއި ތަޖުރިބާއަށް ބަލާއިރު ރާއްޖޭގައި މޭބިސްކަދުރުގެ މުސްތަގުބަލެއް އޮތްް ކަމަށް ބެލެވެ އެވެ.