ސްކޫލުތަކުގެ ދަރިވަރުންނާއި ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ދިވެހި ބަހުގެ ރަދީފެއް ދިވެހި ބަހުގެ އެކެޑެމީ އިން ނެރެފި އެވެ.

ދާރުލް އާސާރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ރަދީފު ރަސްމީކޮށް ނެރެދެއްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

މިއަދު ނޭޝަނަލް މިއުޒިއަމްގައި އޮތް ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ މިއަދު ނެރެނު ރަދީފަކީ ސްކޫލު ދަރިވަރުންނަށް ގުޅޭ ބަސްތައް ހިމެނޭ ފޮތަކަށްވާއިރު ދަރިވަރުންނާ ނުގުޅޭ ބަސްތަކާއި ބޭއަދަބީ ބަސްތައް އެ ފޮތުން ވާނީ އުނި ކުރެވިފައި ކަމަށެވެ.

އެ ރަދީފަކީ ދިވެހި ރަދީފުގެ ބޮޑު ފޮތުން ބަސްތައް ނަގައިގެން ތައްޔާރު ކޮށްފައިވާ ރަދީފެއް ކަމަށް އަޝްރަފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދަރިވަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ބޭނުން ކުރެވުމުން އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަންނަ އަހަރުން ފެށިގެން ގްރޭޑު ފަހަކުން މަތީގެ ދަރިވަރުންގެ ފޮތް ލިސްޓުގައި އެ ރަދީފު ހިމަނާނެ ކަމަށާއި އެ ރަދީފު ފަސޭހައިން ލިބޭނޭ ގޮތްތައް ހަދައިދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ނެރުނު ރަދީފުގެ ސަބަބުން ދަރިވަރުންގެ ބަސްކޮށާރު މުއްސަނދި ވެގެންދާއިރު ދިވެހި ބަހަށް ލޯބި ޖެހުމުގައި އެހީތެރިވާނެ ކަމަށެވެ.

އެކެޑެމީގެ ފިހާރައިން އެ ފޮތް ގަންނަން ލިބެން ހުރި އިރު އެއިން ފޮތެއްގެ އަގަކީ 120 ރުފިޔާއެވެ.