13 May 2015, 18:22
މި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕިއެމްގެ 18 މެމްބަރަކު ހިމެނޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާ އެކު އެމްޑީޕީގެ ލީޑާޝިޕުން ބޭއްވި ބައްދަލު ކުރެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ އެމްޑީޕީގެ ވައިސް ޗެއާ ޕާސަން އަލީ ނިޔާޒު ވިދާޅުވީ މުޒާހަރާގައި ހައްޔަރު ކުރި މީހުންނަށް ގާނޫނީ އެހީތެރިކަން އެމްޑީޕީގެ ފަރާތުން ފޯރުކޮށްދެމުން އަންނަ އިރު ޕީޕީއެމަށް ނިސްބަތްވާ 18 ފަރާތައް ވެސް ގާނޫނީ އެހީތެރިކަން ދެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ފުލުހުންގެ ކިބައިން ސާފުކޮށްލަން ބޭނުން ވަނީ ވަކި އަދަދެއް ކަނޑައަޅައިގެންތޯ އޭ ތިބޭފުޅުން އެ ރޭ ނުކުމެވަޑައިގަތީ މީހުން ހައްޔަރު ކުރުމަށް. އެއީ މިހެން މި ދަންނަވަން ޖެހެނީ ސަބަބެއް ނެތިއެއް ނޫން އިނގޭތޯ. މުޒާހަރާގައި ހައްޔަރު ކޮށްފައި ތިބި ބައެއް ފަރާތްތަކަކީ ހަގީގަތުގައި ވެސް ހަމަ ކަމާ ގުޅުމެއް ނެތް ފަރާތްތައް. މިސާލަކަށް އެބޭފުޅުން ޒީރޯ ޓޮލަރެންސްގައި މަސައްކަތް ކުރަމުން ދިޔައީ 200 މީހުން މުޒާހަރާއިން ހައްޔަރުކުރަންތޯ އެއީ އަޅުގަނޑުމެން ސާފުކޮށްލަން ބޭނުންވާ އެއްޗެއް،" ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ މޭޑޭ މުޒާހަރާގައި ވަރަށް ގިނަ ފަރާތްތަކަކަށް އަނިޔާ ލިބެމުން ދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ އަނިޔާ ލިބެމުން ދިޔައީ ފުލުހުން މުޒާހަރައިގެ ބައިވެރިން ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ވެހިކަލަށް އަރުވާ ހިސާބުން ކަމަށެވެ. ނިޔާޒު ވިދާޅުވީ މިއަދު އެޗްއާރްސީއެމްއާ ބައްދަލު ކުރުމަށްފަހު ފުލުހުންގެ "ޒީރޯ ޓޮލަރެންސް" އަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
"އެއްވެސް ފަރާތަކަށް އެއްވެސް މީޑިއާއެއްގެ ކެމެރާއަކަށް ވެސް ނާރާނެ އިނގޭތޯ ފުލުުހުންގެ ވެހިކަލަށް އެރުވުމަށްފަހު ލިބުން އަނިޔާތަކެއް. އަނިޔާ ދެމުން ފުލުހުން ދިޔައީ ވެހިކަލުގެ ތެރޭގައި. ފުލުހުން މި ގެންގުޅުއްވާ ޒީރޯ ޓޮލެރެންސް މީ ކޮން ގޮތަކަށް ގެންގުޅުއްވާ އެއްޗެއްތޯ ބެލުމަށް އަޅުގަނޑުމެން ވާނީ އެޗްއާރްސީއެމުގައި އެދުނިން. އެއީ އެބޭފުޅުން {ފުލުހުން} ތެރޭގައި ހެދިފައި އޮތް ގައިޑުލައިނެއްތޯ ކޮން ގަވާއިދަކުން ނުވަތަ ކޮން ގާނޫނަކުން އެބޭފުޅުން އަމަލު ކުރަމުން އަންނަ އެއްޗެއްތޯ އެއީ ސާފުކޮށްދިނުމަށް އަޅުގަނޑުމެން އެޗްއާރްސީއެމްގައި އެދުނިން،" ނިޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އޭނާ ވިދާޅުވީ އެޗްއާރްސީއެމަށް ކޮށްދެވެން އޮތް ކަންތައްތަކާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. އިތުރަށް ޝިފާޒު ވިދާޅުވީ މުޒާހަރާގައި ހައްޔަރު ކުރި މީހުންނަށް ލިބިފައިވާ އަނިޔާތަކަށް ޑޮކްޓަރަށް ދެއްކުމަށް ދިމާވަމުންދާ ދަތިތަކާ ގުޅޭ ގޮތުން ވެސް އެ ކޮމިޝަނާ މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.