26 Feb 2011, 22:12
މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހު އަދި ޑެޕިއުޓީ މޭޔަރަކަށް މައިޒާން އަލިމަނިކު )މައިޒާން އަލިބެ( ހޮވުމަށް މާލެ ސިޓީގެ އެމްޑީޕީ ދާއިރާތަކުގެ އަޣުލަބިއްޔަތުން ނިންމާފައިވަނިކޮށް، ސަރަނގު އާދަމް މަނިކު މޭޔަރަކަށް ކުރިމަތިލައްވައި، އިންތިހާބު ކާމިޔާބުކުރައްވައިފައި ވަނީ ޕާޓީގެ އުސޫލުތަކާ ޚިލާފަށް ކަމަށް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިއަދު ވިދާޅުވީ، އާދަމް މަނިކު މޭޔަރަކަށް ކުރިމަތިލެއްވީ ޕާޓީގެ އުސޫލުތަކާ ޚިލާފަށް، ނުފޫޒު ބޭނުންކުރައްވައިގެން ކަމަށެވެ.
"އަޅުގަނޑަށް ލަފާކުރެވެނީ އޭނަގެ ކޮންމެވެސް ނުފޫޒެއް ހިންގައިގެންނޭ ކުރިމަތިލީ. ދެން ކައުންސިލްގައި ތިއްބެވި ބޭފުޅުން ވެސް ޕާޓީގެ އުސޫލުތަކަށް ތަބާނުވީތާ،" ފަލާހު ވިދާޅުވި އެވެ. އަދި އާދަމް މަނިކާ މެދު ޕާޓީން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުރަން އާދަމް މަނިކާ މެދު ފިޔަވަޅު އެޅެންޖެހޭނެ ކަމަށް. ހަމަ އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ދަންނަވާކަށް ނޭނގޭ ކޮން ފިޔަވަޅެއް ކަމެއް އަޅާނީ. އަޅުގަނޑުމެންގެ ޕާޓީއަކީ ގުނަވަންތަކާއި ފިޔަވަޅު އަޅާ ކޮމިޓީ އާއި ވަރަށް ގިނަ ބައިބައި ހިމެނިގެން އުފެދިފައި އޮތް ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް. އެހެންވީމަ، އަދި މީހަކު ޑިމޮކްރެޓިކް އުސޫލު ފުނޑުފުނޑު ކޮށްލިޔަސް، ޕާޓީން އަޅާނެ ފިޔަވަޅެއް އެނގޭނީ ޕާޓީއަށް. އެކަން ޕާޓީން ކުރާނެ،" ފަލާހު ވިދާޅުވި އެވެ.
ނަމަވެސް، އާދަމް މަނިކާ މެދު ފިޔަވަޅު އެޅުމަށް ގައުމީ ކައުންސިލަށް ހުށަހަޅުއްވާނަންތޯ ދެންނެވުމުން ވިދާޅުވީ، "އެކަން ޕާޓީން ކުރާނެ" ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ، "މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް" ކައުންސިލަރުން ހުވާކޮށް، މޭޔަރާއި އަދި ޑެޕިއުޓީ މޭޔަރު މިއަދު ހޮވައިފައި ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކަމަށެވެ.
އަދި ފަލާހު ކުރައްވަމުން ގެންދަވާ ވާހަކަތަކަށް އޮތް ހަމައެކަނި ކޮމެންޓަކީ "ނޯ ކޮމެންޓް" ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭގޭ ފަލާހު އެ ވިދާޅުވާ އެއްޗެއްގެ ހުއްޖަތަކާއި ދަލީލަކާ. ދެން އަޅުގަނޑަށް ހަމަ ދެންނެވޭނީ އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗެއް އޮން އެއާއެއް ނުކުރެއްވޭނޭ. އެހެންވެ އަޅުގަނޑު ދަންނަވާނީ ނޯ ކޮމެންޓޭ،" މާލޭގެ މޭޔާ އާދަމް މަނިކު ވިދާޅުވި އެވެ.
މާލެ ސިޓީގެ މޭޔަރަކަށް އާދަމް މަނިކު ހޮވިވަޑައިގަތީ އަށް ވޯޓު ލިބިވަޑައިގެންނެވެ. އެ މަގާމަށް ވާދަކުރެއްވި ފަލާހަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.