13 May 2015, 17:34
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުޑަކުދިންނަށް އަމާޒުކޮށްގެން ސޭވިންސް އެކައުންޓެއް ތަޢާރަފް ކުރަން ނިންމައިފި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ކުޑަކުދިންނަށް ފަހަށް ރައްކާކުރުމުގެ މުހިންމުކަން ދަސްކޮށްދީ އެކަމަށް ބާރު އެޅުވުމަކީ އެ ކުދިންގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އެޅޭ ހަރުދަނާ ބިންގަލެއް ކަމަށެވެ.
"ކުޑަކުދިންނަށް ފަހަށް ރައްކާކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން އަޅުގަނޑުމެން ވަރަށް އަވަހަށް ކުޑަކުދިންނަށް އަމާޒުކޮށްގެން ސޭވިންގް އެކައުންޓެއް ތަޢާރަފްކުރާނަން،" އެންޑްރޫ ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނީ އެ މުބާރާތުގައި ސޭވިސް އެކަންއުންޓުތަކާ ގުޅޭ ޕޯސްޓަރު ކުރެހުމާއި ސޭވިން އެކައުންޓައް ކިޔާނެ ނަމެއް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޕޯސްޓަރު ކުރެހުމުގެ ބައިގައި ޕޯސްޓަރު ހުށަހަޅަންޖެހެނީ "ކުރި މަގަށް ރައްކާކުރުން" މި ޝިޢާރުގެ ދަށުންނެވެ.
"މި އެކައުންޓާއި ގުޅޭ ޕޯސްޓަރުކުރެހުމާއި ނަން ހުށަހެޅުމުގެ މުބާރާތުގައި ކުޑަކުދިން ބައިވެރިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން،" އެންޑްރޫ ވިދާޅުވިއެވެ.
މި ޝިޢާރުގެ ދަށުން ހުށަހެޅޭ ޕޯސްޓަރުތަކުގެ ތެރެއިން އެއްވަނަ އަށް އަންނަ ފަރާތަކަށާއި ނަން ހުށައަޅައިގެން އެއް ވަނަ އަށް އަންނަ ކުއްޖަކަށް 5,000 ރުފިޔާ ގެ އިނާމެއް ދޭން ނިންމާފައިވާއިރު ހުށަހެޅޭ ނަމާއި ޕޯސްޓަރުތަކަށް ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު މިއިން ކޮންމެ ބަޔަކުން އެންމެ ގިނަ ވޯޓް ލިބޭ ފަސް ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއން ކޮންމެ ފަރާތަކަށް 3,000 ރުފިޔާގެ އިނާމެއް ދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ.
އެ މުބާރަތަށް ޕޯސްޓަރު އަދި ނަން ހުށަހަޅަން ޖެހޭނީ ބީއެމްއެލްގެވެބްސައިޓްމެދުވެރިކޮށެވެ.