13 May 2015, 16:00
ސޯލް (މޭ 13): އުތުރުކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ގެ އަމުރުފުޅަށް އެގައުމުގެ ދިފާއީ ވަޒީރު ހިއޯން ޔޮންގްޗޮލް އަށް މަރުގެ އަދަބު ދީފި ކަމުގެ ޚަބަރުތަކެއް އަވަށްޓެރި ދެކުނު ކޮރެޔާ އިން ފަތުރައިފި އެވެ.
ދެކުނު ކޮރެއާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ އެގައުމުގެ މީޑިޔާ ބުނާގޮތުން ކިމް ޖޮންގް އުންގެ އަމުރުފުޅަށް އެގައުމުގެ ދިފާއީ ވަޒީރު ހިއޯން ޔޮންގްޗޮލް އަށް މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުވަނީ ބަޑިޖަހައިގެން މަރުގެ އަދަބު ދީފައެވެ.
ދެކުނު ކޮރެއާގެ މީޑިޔާ ބުނާ ގޮތުން ދިފާއީވަޒީރު ހިއޯން ޔޮންގްޗޮލްގެ ކުށަކީ އެގައުމުގެ ޒައީމް ކިމް ޖޮންގްއުން އަށް ވަފާތެރި ނުވުމެވެ.
ހުޅަނގުގެ ޖާސޫސީ ބައެއް ރިޕޯޓްތައް ބުނާގޮތުން ފަރުވާ ކުޑަކުރުމާއި ޒައީމް ކިމްގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުގައި ޔޮންގްޗޮލް ނާކާމިޔާބުވެ ވަޑައިގެންފައިވެ އެވެ. ނަމަވެސް މިއީ އުތުރު ކޮރެއާގައި ވެސް މަރުގެ އަދަބު ލިބޭވަރުގެ ކުށެއްކަން މީގެ ކުރިން އެނގިފައެއް ނުވެ އެވެ. ނަމަވެސް އުތުރު ކޮރެއާގެ ޒައީމުންނަށްފާޅުގައި ގޮންޖަހައި ނުކިޔަމަންތެރިކަން ދައްކާ ވެރިންނަށް މީގެ ކުރިން މަރުގެ އަދަބުތައް ދީފައިވެ އެވެ.
އުތުރުކޮރެއާއަކީ ކަންތައްތައް ވަރަށް ސިއްރުންކުރާ ގައުމެކެވެ. އެގައުމުން އެގޮތަށް ކަންތައްތައް ކުރަނީ އެހެން ގައުމުތަކުގެ ސަމާލުކަން ހޯދުމަށާއި އެހެން ގައުމުތައް ބިރުގެންނެވުމަށެވެ. މިއީ، އުތުރުކޮރެއާގެ ޚުދުމުޚްތާރު ނިޒާމު ދެމެހެއްޓުމަށް ވަރަށް ކާމިޔާބު ގޮތެއްކަން ވަނީ ސާބިތުވެފަ އެވެ.
ގޮތްނޭނގުމާއި ހަގީގަތް ނޭންގުމަކީ އެގައުމާ މުޢާމަލާތް ކުރާނެގޮތް އެގައުމުގެ ދުޝްމަނުންނަށް ވަރަށް ބޮޑަށް އޮޅުން އަރާނެ ކަމެއްކަމުން މިކަމުގެ ފައިދާ ވަރަށް ބޮޑަށް އުތުރުކޮރެއާގެ ޒަޢާމަތުން ނަގަމުން ގެންދެ އެވެ.
އުތުރުކޮރެއާގެ އަސްކަރީ ބާރާމެދު ވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް ވެސް އަދި ޖަޕާނާއި ދެކުނު ކޮރެއާއަށް ވެސް މާބޮޑު އެއްޗެއް ނޭނގެ އެވެ. އެހެންކަމުން އުތުރުކޮރެއާއާ ކުރިމަތިލުމަށް މިހުރިހާ ގައުމުތަކެއް ވެސް ވަރަށް ބޮޑަށް ޖެހިލުންވެ އެވެ. އަދި އުތުރުކޮރެއާ ފަތުރާ ކޮންމެ ޕްރޮޕަގެންޑާއަކުން މިގައުމުތަކަށް ބޮޑު ސިހުމެއް ލިބެ އެވެ. ނަމަވެސް ހަގީގަތް ހޯދުމުގައި މިގައުމުތައް ނާކާމިޔާބުވެ އެވެ. މިކަމުގެ ސަބަބުން ހީނުކުރެވޭ ވަރުގެ ނިއުކްލިއަ ބާރުތަކެއް އުތުރުކޮރެޔާއަށް ލިބިފައިވެދާނެ ކަމަށް ވެސް އެމެރިކާ ފަދަ ގައުމުތަކުން ދެކެ އެވެ.
މަރުގެ އަދަބު ދެވުނު ކަމަށްބުނާ ދިފާއީ ވަޒީރު ޔޮންގްޗޮލް އަކީ ޒައީމް ކިމްއާ ވަރަށް އަރިސް ބޭފުޅެއްކަމަށްވެ އެވެ. އޭނާ ދިފާއީ ވަޒީރުކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުއެވެ. (ނޫސްއެޖެންސީތައް)