ލ. ގަން ތުނޑި ހުރަވީ މަރިޔަމް ޝީރީން މަރާލުމުގެ ކުށް އޭނާގެ ކުރީގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ މުހައްމަދު ނަޖާހުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފުކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މުހުތާޒު މިއަދު ވިދާޅުވީ ޝީރީން މަރާލިތަން ދުށް އެއްވެސް މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައިނެތްކަމުގައި ވިޔަސް ދައުވާ ސާބިތުކުރުމަށް ގިނަ އަދަދެއްގެ ގަރީނާތަކެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެހާ ގިނަ އަދަދެއްގެ ގަރީނާގެ މައްޗަށް ބިނާކޮށް ދައުވާ ކުރި ފުރަތަމަ މައްސަލަ ކަމަށްވާއިރު އެ ގަރީނާތައް ބަލައިގަތުމާ މެދު ހުކުމުގައި ގޮތެއް ނިންމާފައިނުވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ، އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ގަރީނާގެ ގޮތުގައި ފުލުހުން ހޯދާ ހެކިތަކުގެ ބުރަދަނާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބޭނެ ކަމަށެވެ.

"ޚާއްސަ ސަމާލުކަމެއް ދީގެން، މި މައްސަލަ ވީހާ ވެސް އަވަހަކަށް އިސްތިއުނާފް ކުރާނަން،" ޕީޖީ ވިދާޅުވި އެވެ.

ނަޖާހުގެ މައްޗަށް ދައުލަތުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކުރީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ.

ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް، އޭގެތިން ދުވަސްފަހުން ފެނުނީ މާފަންނު އަންގާގިރީގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައިވަނިކޮށެވެ.