13 May 2015, 15:40
އައްޑޫ ސިޓީގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް ޑިރެކްޓަރު އަބްދުﷲ ޒުހައިރު (އަބްހަރީ) ދިރިއުޅުއްވާ ގެއަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންތަކެއްދީފި އެވެ.
ޒުހައިރު މިއަދު "ސަން" އަށް ވިދާޅުވީ، އެކަން ބަޔަކު ކޮށްފައިވަ ވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:45 ކަންހާއިރު ކަމަށެވެ.
"ނިދާފައި ތިއްބާ އެއްޗެހިތަކެއް ތަޅައިގެން ދިޔަ އަޑު އިވިގެން ނުކުމެ ބެލި އިރު ހުރީ ދޮރުތަކުގެ ބިއްލޫރިތައް ތަޅާލާފަ. ފަސްވަރަކަށް ގާބުރި އެއްލާފައި އޮތް،" ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ، އޭނާއަކީ އެއްވެސް މީހަކާ ޒާތީ އެއްވެސް މައްސަލައެއް އޮންނަ މީހެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ގެއަށް ބަޔަކު ހަމަލާދިނީ ކޯޓުން ނިންމި މައްސަލައަކާ ގުޅިގެންކަމަށް ބެލެވޭކަމަށް ޒުހައިރު ވިދާޅުވި އެވެ.
"ކޯޓަށް ހުރީ މައްސަލަތަކެއް ހުށަހަޅާފައި ފެނަކައާ ދެކޮޅަށް. ދެން އެ މައްސަލަތައް ކޯޓުން ނިމުނީ ފެނަކަ ކޮޅަށް. އެއީ ކަރަންޓު ސަބްސިޑީއާ ގުޅޭ މައްސަލައެއް. އެހެންވެކަމަށް ބެލެވެނީ ހަމަލާދިނީ،" ޒުހައިރު ވިދާޅުވި އެވެ.
މަގުމަތިން ދަތުރުކޮށް އުޅޭއިރު ވެސް ބައެއް ފަރާތްތަކުން އިންޒާރުގެ ބަސްތައް ބުނާ ކަމަށާއި ނަމަވެސް "އެއީ މާބޮޑަކަށް އަޅާލާ ކަންކަމެއް ނޫން. އާންމުކަންކަން" ކަމަށް ޒުހައިރު ވިދާޅުވި އެވެ.