26 Feb 2011, 22:03
ވޮޝިންގޓަން : ލީބިޔާގެ ޒަޢީމް މުޢައްމަރުލްގައްޒާފީއާ ދެކޮޅަށް އެންމެފަހުން އެމެރިކާ ފިއްތުންތައް ކުރިމަތިކުރަން ފަށައިފިއެވެ.
ވެރިކަމުގެ ދިފާޢުގައި ލީބިޔާގެ ރައްޔިތުންނާ ހަނގުރާމަ ކުރައްވައި ރައްޔިތުން ކަތިލައްވަމުން ގެންދަވާ ގައްޒާފީއާމެދު ގެންގުޅޭނެ ސްޓޭންޑެއް އެމެރިކާއަށް ކަނޑަނޭޅި ދުވަސްތަކެއް ދިޔުމަށްފަހު ރައީސް ބަރަކް އޮބާމާ އިއްޔެވަނީ އެމެރިކާގައިވާ ގައްޒާފީއާއި ގައްޒާފީގެ ޢާއިލާގެ އެސެޓްތައް ހިފަހައްޓާފައެވެ. އަދި ގައްޒާފީގެ ނިޒާމަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމަށާއި ޓްރިޕޮލީގައި ހުންނަ އެމެރިކާގެ އެންބަސީ ބަންދުކުރުމަށްވެސް އޮބާމާ މިހާރުވަނީ ނިންމަވާފައެވެ.
ގައްޒާފީގެ ނިޒާމުން ލިބިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތަކާމެދު އެއްވެސް ފިޔަވަޅެއްނާޅައި އަދި ގައްޒާފީއާމެދު އެމެރިކާ ގެންގުޅޭ ސްޓޭންޑެއް ވޭތުވެދިޔަ ދުވަސްތަކުގައި ކަނޑައަޅާފައިނުވަނީ ގައްޒާފީގެ ވެރިކަން ވެއްޓޭނެކަން ނުވަތަ ނޫންކަން އެމެިރކާއަށް ލަފާކުރަން ނޭންގޭތީ އެމެރިކާގެ މަސްލަޙަތު ޙިމާޔަތްކުރުމަށް އިސްކަންދިނުމުގެ ގޮތުން ކަމަށް މުރާސިލުން ބުނެއެވެ.
މިހާރު ގައްޒާފީއާ ދެކޮޅަށް ފިޔަވަޅުއަޅަން އެމެރިކާ ނިންމީ ގައްޒާފީގެ ވެރިކަން ވެއްޓޭނެކަމާއި ލިބިޔާގެ ރައްޔިތުންގެ ކިބައިން ދެން ގައްޒާފީއަށް ސަލާމަތް ނުވެވޭނެކަން ކަށަވަރުވުމުން ކަމަށްވެސް މިފަރާތްތަކުން ބުނެއެވެ.
2003
ވަނައަހަރު ލީބިޔާއިން އެމެރިކާއާ ގުޅުން ރަނގަޅުކޮށް އެމެރިކާގެ ރުހުން ހޯދީ ގައްޒާފީގެ ޚުދުމުޚްތާރުވެރިކަން ވައްޓާލުމަށް މަސައްކަތް ނުކުރުމަށާއި މިވެރިކަން ދެމެހެއްޓުމަށް އެމެރިކާގެ އެއްބާރުލުން ދިނުން ޝަރުތުކޮށް ލީބިޔާގެ އަގުބޮޑު، ލީބިޔާ އެކަމަކަށްޓަކައި ފަޚްރުވެރިވާ ނިއުކްލިޔަރ ޕްރޮގްރާމް އެމެރިކާ ބޭނުންވާގޮތަށް ގުރުބާން ކުރުން ޝަރުތުކޮށްފައި ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 2003
ވަނަ އަހަރާއި 2007 ވަނަ އަހަރާއި ދެމެދު އެމެރިކާގެ ބެލުމުގެ ދަށުން ގައްޒާފީގެ ސަރުކާރުންވަނީ ލިބިޔާގެ ނިއުކްލިޔަރ ޕްރޮގްރާމް ރޫޅާލައި ލިބިޔާގެ ނިއުކްލިޔަރ ރިއެކްޓަރތަކުގެ މެޝިނަރީއެއް އެމެރިކާއާ ހަވާލުކޮށްފައެވެ. (އަލްޖަޒީރާ+ ނޫސްއެޖެންސީތައް)