13 May 2015, 16:11
ރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
އިއްޔެ ހަވީރު ޔުނިވާސިޓީގައި ބޭއްވި އެ ބައްދަލުވުމުގައި މެޑިކަލް ސްކޫލެއް ގާއިމް ކުރުމާއި ބޭރުގެ ކޮންސަލްޓެންޓް މެދުވެރިކޮށް ހެދި ފީސިބިލިޓީ ސްޓަޑީގައި ބަޔާން ކޮށްފައިވާ މުހިންމު ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކުރެވިފައިވެއެވެ.
އެ ބައްދަލުވުމުގައި ސިއްހީ ދާއިރާ އާ ގުޅޭ ގިނަ މުއައްސަސާތަކެއް ވަނީ ބައިވެރި ވެފައެވެ. އެގޮތުން މެޑިކަލް ޑޮކްޓަރުންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ އިސްވެރިންވެސް އެ ބައްދަލުވުމުގައި ބައިވެރި ވެފައިވާ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
އޭގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި މޯލްޑިވްސް މެޑިކަލް ކައުންސިލް އާއި ބައެއް ހޮސްޕިޓަލްތަކުގެ މަންދޫބުންވެސް އެ ބައްދަލުވުމުގައި ބައިވެރި ވެފައިވާ ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.
ރާއްޖޭގައި މެޑިކަލް ސްކޫލެއް ހެދުމާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ ފީސިބަލް ރިޕޯޓުގައި ބުނާގޮތުން ރާއްޖޭގައި ޔުނިވާސިޓީއެއް ގާއިމް ކުރެވޭނެއެވެ. އެ ރިޕޯޓުގައި މެޑިކަލް ސްކޫލު ގާއިމް ކުރުމަށް ކުރެވިދާނެ ކަންތައް ވެސް ފާހަގަކުރެވިފައި ވާކަމަށް ޔުނިވާސިޓީން ބުންޏެވެ.