13 May 2015, 13:18
ޏ. ފުވައްމުލަކުގައި ހަތް މީހެއްގެ ގަޔަށް ވަޅިހެރިކަމުގެ ކުށް ޝަރީއަތަށް ސާބިތުވުމުން ތިން މީހަކު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވައިފި އެވެ.
ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްއިއްވާފައިވާ މީހުންނަކީ ޏ. ފުވައްމުލައް ޒަމާނީވިލާ އަބްދުﷲ ޒާހިރު އާއި އެރަށު ބާނޒު ނިއުޝާދު މުހައްމަދު އާއި ހަމައެރަށު ކުއޭތު ޝުފާއު އަހްމަދެވެ.
އެމައްސަލާގައި އެ ތިން މީހުންގެ އިތުރުން ޏ. ފުވައްމުލައް ކަރަންކާއާގޭ ހަސަން ފަރީދުގެ މައްޗަށް ދައުލަތުން ކުރީ މީހަކު މަރާލެވިދާފަދަ އެއްޗަކާ އެކު ޣައިރުގާނޫނީ އެއްވުމަކުން ބާރުދެއްކުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ދައުވާގައި ބުނެފައިވާ އަމަލު ހިންގުމުގައި އެމީހުން ބައިވެރިވެފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނައިރު، އަނިޔާލިބުނު މީހުންގެ މެޑިކޯ ލީގަލް ރިޕޯޓާއި ފޮޓޯ ރިޕޯޓުތައް ބެލިއިރު އެމީހުންނަށް އަނިޔާވެފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އެ ތިން މީހުން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ގާނޫނުލް އުގޫބާތުގެ 51 ވަނަ މާއްދާގެ ދަށުންނެވެ. އެ މައްސަލައިގައި ދައުވާ ލިބޭ ފަރީދު މެރުމަށް މިއަދު ހުކުމް އިއްވާފައިވާތީ، މި މައްސަލާގައި އޭނާގެ މައްޗަށް އަދަބު ކަނޑައެޅެން ނެތް ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
"ޝުފާއު އަހްމަދު އާއި ނިއުޝާދު މުހައްމަދު އާއި އަބްދުﷲ ޒާހިރު އާއި މިތިން މީހުންކުރެ ކޮންމެ މީހަކު ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް، މިމައްސަލާގައި ދައުވާލިބޭ ހަސަން ފަރީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުގެ ގަޒިއްޔާއިން ހަސަން ފަރީދު މެރުމަށް ހުކުމްކޮށްފައިވާތީ މިމައްސަލާގައި ހަސަން ފަރީދުގެ މައްޗަށް އަދަބުކަނޑައަޅާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މިގޮތުގެމަތިން ހުކުމްކޮށް މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.