ޕާކިސްތާނުގެ ކަރާޗީގައި ގިނަ ބަޔަކު ގޮވައިގެން ދަތުރުކުރަމުން ދިޔަ ބަހަކަށް ދިން ބަޑީގެ ހަމަލާއެއްގައި 40 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބަސް ދަތުރުކުރަމުން ދިޔައީ ސަފޫރާ ޗޯކް ސަރަހައްދުން އެ ގައުމުގެ "އިސްމާއިލީ ޝިއާ ކޮމިޓީ"ގެ މެންބަރުންތަކެއް ގޮވައިގެންނެވެ. އަދި ދަތުރުގެ ވަކި ހިސާބަކުން ބަޑި ހިފައިގެން އަށް ސައިކަލެއްގައި ބަޔަކު އައިސް ހަމަލާ ދިން ކަމަށެވެ.

އެ ހަމަލާގައި 25 ފިރިހެނުންނާއި 16 އަންހެނުން މަރުވެފައިވާ އިރު ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ޑޯން ނޫހުން ބުނެއެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނީ ހަމަލާ ދިން އިރު ބަހުގައި ގާތްގަނޑަކަށް 60 ވަރަކަށް މީހުން ދަތުރުކުރި ކަމަށެވެ.

ޕާކިސްތާނުގެ ނޫސް އެޖެންސީތަކުން ބުނާގޮތުން ބަޑީގެ ހަމަލާގައި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އޭގެތެރެއިން ގިނަ މީހުންގެ ހާލު ސީރިއަސް އެވެ.

އެ ގައުމުގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުން މިހާރު ގެންދަނީ އެ ސަރަހައްދު ބަންދުކޮށް ތަހުގީގުތައް ކުރަމުންނެވެ. އެ ހަމަލާގެ ތުހުމަތުގައި އެއްވެސް ގްރޫޕެއް ނުވަތަ މީހެއް ވެސް އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

ޕާކިސްތާނުގެ އިސްމާއީލީ ޝިއާ ކޮމިއުނިޓީއަށް އަމާޒުކޮށް މީގެ ކުރިން ވެސް ވަނީ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި ވެސް ގިނަ ބަޔަކު މަރުވެފައިވެ އެވެ.