13 May 2015, 13:30
ފުވައްމުލަކުގެ ކުނި ގޮނޑު ހުސްކޮށް އެތަނަށް ފަސޭހައިން ކުނިއަޅައި އަދި ކުނި މެނޭޖްކުރުމަށް، އެ ކުނި ކޮށި ހުސްކުރުގެމަސައްކަތް 560،000 ރުފިޔާ އަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ހަވާލުކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފުވައްމުލަކު ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކުރުމުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ. އެމްއާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ ފުވައްމުލަކު ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތަށް މުޅި ޖުމުލަ ދެ މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެހާ ބޮޑު އަދަދެއް އެ މަސައްކަތަށް ދަނީ ކުނި ގޮނޑު ސާފުކޮށް ނިމުމަށް ފަހު އެ ތަނަށް ބޭނުންވާ ބައެއް ސާމާނު ހޯދުމަށް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
ފުވައްމުލަކު ކުނި ގޮނޑު ހުސްކުުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެމްއާރްޑިސީ ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވީ އާބާދީ އަށް ބަލާ އިރު ފުވައްމުލަކަކީ ބޮޑު އާބާދީއެއް އޮންނަ ރަށެއް ކަމަށެވެ. އަދި އެ ރަށުގެ ކުނީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެމްއާރްޑީސީއާ ހަވާލު ކުރި އެ މަސައްކަތުގައި މިހާރު ފުވައްމުލަކު ކުނި ގޮނޑުގައި ހުރި ތަކެތި ވަކި ކުރުން ހިމެނޭނެ ކަމަށް ތާރިގު ވިދާޅުވި އެވެ.
"ކުނި ގޮނޑުގައި ހުރި ސާމާނުތައް ވަކިކޮށް އެކި ބައިބަޔަށް ބަހައި އޭގެ ތެރޭގައި ހުރި ދަގަނޑުގެ މައުދަންތަކާއި ޕްލާސްޓިކުގެ ބައިތައް ވަކިކޮށް އަދި ވެލީގެ ބައިތައް ވަކިކޮށް ވެލި ފުނި އެތަނުން ބޭރުކޮށް ފުމައްވުލަކުގެ ވޭސްޓް މެނޭޖުމަންޓް ސެންޓަރު ސާފުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ނިމުމުން އެތަނުން އިތުރު ޖާގަ ލިބި ކުނި މެނޭޖު ކުރުމުގައި ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ،" ތާރިގު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއާރްޑީސީގެ އެމްޑީ ނަޒީމު ވިދާޅުވީ ކުރިއަށް އޮތީ ރޯދަ މަސް ކަމަށާއި އެހެންކަމުން ރޯދަ މަހުގެ ކުރިން ފުވައްމުލަކު ރައްޔިތުންނަށް އެ ރަށުގެ ކުނި ކޮށީގައި މިހާރު ހުރި ދަތިތައް ފިލުވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ފުވައްމުލަކު ކުނި ގޮނޑު އޮތީ ހަމަ އެއްކޮށް ފުރިފައި. އެއްވެސް ގޮތަކަށް ހަމަ ޖާގަ ނެތޭ ބުންޏަސް ރަނގަޅުވާނެ. ވަރަށް ބޮޑު ކުންޏެއް އެބައޮތް. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތްތައް ރާވައިލައިގެން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެންމެ ލުއި ގޮތަކަށް ރަމަޟާން މަހު އެފަރާތްތަކަށް [ފުވައްމުލަކު ރައްޔިތުން] ކުނި އުކޭނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." ނަޒީމް ވިދާޅުވި އެވެ.