26 Feb 2011, 19:08
ގއ. މެރަދޫގައި ހަދަމުންދިޔަ ރިސޯޓުގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްގެ މީހަކު ކަރަންޓުގައި ޖެހިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ އެމީހާ ކަރަންޓުގައި ޖެހުމާ ގުޅިގެން އޭނާ ގެންދިޔައީ ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ކަމަށެވެ.
"އެމީހާ މަރުވި ކަމަށް ފުލުހުންނަށް ރިޕޯޓް ކުރީ 6:20 ހާއިރު. މެރަދޫން ތިނަދޫ އަށް ގެންދިޔައީ އެހިސާބާ ކައިރީ ވީމަ ކަމަށް އަޅުގަނޑުމެންނަށް މަޢޫލޫމާތު ލިބުނީ." ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ނަމަވެސް އެމީހާ އަށް ލިބިފައިވަނީ ކޮން ކަހަލަ ގެއްލުމެއް ކަމެއް އަދި ނޭގޭ ކަމަށާއި އެހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ތިނަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ އިރުއޮއްސި 6:00 ޖެހި އިރު ކަމަށާއި އޭނާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި ގާތްގަނޑަކަށް 30 ހަކަށް އަހަރު ވެފައިވާ އެމީހާގެ ބޭރު ފުށުން އެއްވެސް ކަހަލަ ކަމެއް ޒަޚަމެއް ފެންނަން ނެތް ކަމަށް ވެސް ތިނަދޫ ހޮސްޕިޓަލުން ބުންޏެވެ.
"ބޭރުފުށުން އަޅުގަނޑުމެންނަކަށް އެއްވެސް ކަމެއް ނުފެނޭ. ދެން އެތެރޭން ވެފައި ހުރީ ކޮންކަހަލަ ގެއްލުމެއް ކަމެއް ނޭނގޭ. އެއީ ކަރަންޓް ޝޮކެއް ކަމެއް އަދި އެހެން ކަމެއް ވެގެން ކަމެއް ނޭނގޭ." ތިނަދޫ ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވި އެވެ.