13 May 2015, 18:14
ރެއާލް މެޑްރިޑްގެ ކުޅުންތެރިން އެޓީމްގެ ވިންގާ ގެރެތްބޭލްއަށް ޕާސް ނުކުރާތީ ރެއާލް މެޑްރިޑްގައި ބޭލްގެ ކުޅުމަށް އަސަރު ކުރަމުންދާކަމަށް އޭނާގެ އެޖެންޓް ޖޮނަތަން ބާނާޓް ބުނުމުން ރެއާލްގެ ކޯޗް ކާލޯ އަންޗަލޯޓީއާއި ބާނާޓާ ދެމެދު ހޫނު 'ޒުވާބެ' ހިނގައިފިއެވެ.
އެންމެ ފަހުން ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗްގައި ބޭލްގެ ފަރާތުން ފެނުނު ދަށް ކުޅުމަށް ގިނަ ބަޔަކު ފާޑު ކިޔާފައިވާތީ ބާނާޓް ބުނެފައިވަނީ ފާޑު ކިޔާ މީހުން ފާޑު ކިޔަނީ އެމެޗްގައި ބޭލްގެ ކުޅުން ރަނގަޅަށް ދިރާސާ ނުކޮށްކަމަށެވެ.
"ރެއާލްގެ ކުޅުންތެރިން އޭނާއަށް ޕާސްކޮށްގެން ކުޅޭނަމަ ބޭލްއަށް ވުރެ މޮޅު އެހެން ކުޅުންތެރިޔަކު ރެއާލްގައި ނުހުންނާނެ،" ބާނާޓް ބުންޏެވެ.

ރެއާލް މެޑްރިޑްގެ ވިންގާ ގެރެތު ބޭލްގެ އެޖެންޓް ޖޮނަތަން ބާނެޓް --- ފޮޓޯ/ ޕީއޭ
ބާނާޓް ބުނެފައިވަނީ ބޭލްގެ ކުޅުން ފެންނާނީ ރެއާލްގެ ކުޅުންތެރިން އޭނާއަށް ޕާސްކޮށް ކުޅުމަށް ފުރުސަތު ދިނުމުން ކަމަށާއި ނަމަވެސް ރެއާލްގެ ކުޅުންތެރިން އޭނާއަށް ޕާސް ނުކުރާތީ އެޓީމްގައި އޭނާގެ ކެރިއާއަށް އަސަރު ކުރަމުންދާކަމަށެވެ.
ބާނާޓްގެ މިވާހަކަތަކަށް ރައްދު ދެމުން އަންޗަލޯޓީ ބުނީ ބާނާޓްގެ ވާހަކަތައް މާ ގިނަ ވެއްޖެކަމަށާއި ރެއާލްގެ ފަރިތަކުރުންތައް އެއްވެސް ވަރަކަށް ނުބަލާ މީހަކަށް ބޭލްއާއި ޓީމްގެ އެހެން ކުޅުންތެރިން އޮންނަ ގުޅުން ނޭނގޭނެކަމަށެވެ.

ރެއާލް މެޑްރިޑްގެ ޕްރެކްޓިސް ސެޝަނެއްގައި ބޭލް: ޓީމްގެ އެހެން ކުޅުންތެރިންނާ ބޭލްއާ ގުޅުން ރަނގަޅުކަމަށް އަންޗަލޯތީ ބުނޭ --- ފޮޓޯ ރެއާލް މެޑްރިޑް
"ބޭލްގެ ނޫޅޭ މައްސަލައެއް ޓީމްގެ އެހެން ކުޅުންތެރިނާމެދު. އަދި ޓީމްގެ އެހެން ކުޅުންތެރިވެސް އެނާއާ މެދު ނޫޅޭ އެއްވެސް މައްސަލައެއް. މާގިނަ ވަހަކަ ނުދައްކާ ބާނާޓް މަޑުން ހުރުން މާ ރަނގަޅުވާނެ. އަހަރެމެން ހިތް ހަމަޖެހޭ ބޭލްގެ މިސީޒަނާ މެދު އަންޗަލޯޓީ ބުންޏެވެ.
ރެއާލްގައި ބޭލްގެ ކެރިއާއަށް އަސަރުކުރަމުންދަ ވާހާކަ ބާނާޓް ބެނުފައިވަނީ ފުޓްބޯޅައިގެ ޓެކްނިކަލް ގިނަ ފަރާތްތަކުން ބޭލްއަށް ފާޑު ކިޔާފައިވަނިކޮށެވެ.

ބޭލްއާއި ރިއާލްގެ ކޯޗް ކާލޯ އަންޗަލޮއްޓީ --- ފޮޓޯ/ ރެއާލް މެޑްރިޑް
ބޭލްގެ ކުޅުމާމެދު ޓެކްނިކަލް ފަރާތްތައް ދެކެނީ ކިހިނެތް
އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ޔުވެންޓަސްއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ބޭލްގެ ކުޅުމާމެދު ފުޓްބޯޅައިގެ ޓެކްނިކަލް ގިނަ ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ.
ބޭލްގެ ކުޅުމާމެދު ފާޑު ކިޔާ ގިނަ ފަރާތްތަކުން ބުނެފައިވަނީ ރެއާލުން އެމެޗްގައި ކުޅެފައިވަނީ ދިހަ ކުޅުންތެރިންނާއެކު ކަމަށެވެ.

ރޮއީ ކީން: އޭނާ ވަނީ ޔުވެންޓަސްގެ މެޗްގައި ބޭލްގެ ފަރާތުން ފެނުނު ކުޅުމަށް ފާޑު ކިޔާފައި --- ފޮޓޯ/ ދަ އިންޑަޕެންޑެންޓް
އިނގިރޭސި ކުރީގެ ފުޓްބޯޅަ ތަރި ރޮއީ ކީން ބުނެފައިވަނީ ޔުވެންޓަސްއާ އެކު ކުޅުނު ފުރަތަމަ މެޗްގައި ބޭލްއަށް ރެއާލްއަށް އެއްވެސް ކަމެއް ކޮށްދެވިފައިނުވާ ކަމަށެވެ.
"އެމެޗްގައި ބޭލްގެ ނެތް އެއްވެސް ވަރަކަށް ހިތްވަރު ކޮށްފައެއް އޭނާއަށް ލިބޭ ކޮންމެ ބޯޅައެއްގައި އޭނާ މަސައްކަތް ކުރަނީ ފަސޭހަކޮށްލައިގެން. އެހެންވެ އެޓީމްގެ ކުޅުންތެރިންގެ ފަރާތުން މާޔޫސްކަން ފެނުނު،" ރޮއީ ކީން ބުންޏެވެ.

ޕައުލް ސްކޯލްސް: އޭނާ ވަނީ ޔުވެންޓަސްގެ މެޗްގައި ބޭލްގެ ފަރާތުން ފެނުނު ކުޅުމަށް ފާޑު ކިޔާފައި
ބޭލްއަށް ފަޑު ކިޔާފައިވާ އެހެނިހެން ޓެކްނިކަލް އެކްސްޕާޓުންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ތަރި ޕައުލް ސްކޯލްއާއި އާސެނަލްގެ ކުރީގެ ޑިފެންޑަރު ލީ ޑިކްސަން ހިމެނެއެވެ.
ޔުވެންޓަސް މެޗްގައި ބޭލް ޕާސް ނުކުރާތީ އެކަމަށް މިތިން އެކްސްޕާޓުން ފާޑު ކިޔާފައިވާއިރު އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ބާނާޓް ބުނެފައިވަނި ރޮނާލްޑޯ ހިމެނޭ ގޮތަށް ރެއާލްގެ ފަސް ކުޅުންތެރިންނަށްވުރެ ގިނައިން ބޯޅަ ޕާސްކޮށް ބޯޅަ ހޯދުމަށް މެޗް ތެރޭގައި ބޭލް ދުވެފައިވާ ކަމަށެވެ.

ލީ ޑިކްސަން: އޭނާ ވަނީ ޔުވެންޓަސްގެ މެޗްގައި ބޭލްގެ ފަރާތުން ފެނުނު ކުޅުމަށް ފާޑު ކިޔާފައި --- ފޮޓޯ/ ޓީވީ ނިއުސް ރޫމް
މިރޭ ޔުވެންޓަސްއާ ދެކޮޅަށް ރެއާލް ނިކުންނައިރު ބޭލް ނިކުންނާނެއެވެ. އަދި އެންމެފަހުން ކުޅުނު މެޗްގައި ނުފެނުނު ފްރާންސްގެ ކަރީމް ބެންޒަމާވެސް މިމެޗްގައި ފެނިގެންދާނެއެވެ.
އެހެންވެއްޖެނަމަ ރެއާލްގެ ބީބީސީ ގުޅުން ރަނގަޅުވެ ބޭލްގެ ޕާފޯމަންސް ރަނގަޅުވާނެކަމަށް ސްޕެއިންގެ ފުޓްބޯޅައިގެ ޓެކްނިކަލް ފަރާތްތަކުން ބުނެއެވެ.

މިސީޒަންގައި ރެއާލް މެޑްރިޑްގައި ބޯޅަ ހޯދުމަށް އެންމެ ގިނަ އިރު ދުވި ކުޅުންތެރިންނާއި އެންމެ ގިނަ ޕާސް ކުރި ދިހަ ކުޅުންތެރިން --- މަޢުލޫމާތޫ ޔޫއެފްއާ
ބޭލް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެދާނެތަ؟
މިސީޒަން ނިމެން ކައިރިވެފައިވާއިރު ރެއާލްގެ ޓްރާންސްފާއާ ގުޅިގެން އެންމެ ބޮޑަށް ވާހަކަ ދެކެވެނީ ގެރެތު ބޭލްގެ ވާހަކައެވެ.
ގެރެތު ބޭލް މެންޗެސްޓާ ޔުނައިޓަށް ބަދަލުވާން އުޅޭ ވާހަކައަކީ މީޑިއާގައި ތިލަވެފައި އޮތް ވާހަކައެކެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލްއިން މެންޔޫގެ އެއް ނަންބަރު ކީޕަރު ސްޕެއިންގެ ޑޭވިޑް ޑެހެއާއަށް ޝައުގުވެރިވެއެވެ. އެހެންކަމުން ގެރެތު ބޭލް ދޫކޮށްލުމަށްފަހު ރެއާލްއިން ޑެހެއާ ގެނެސްފާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް މިވާހަކަ މިގޮތަށް ދެކެވިފައިވަނިކޮށް ރެއާލުން ބުނީ މިވަގުތު އެޓީމްގެގެ އެން ނަންބަރު ކީޕަރު އިކާ ކަސިޔަސްގެ ބަދަލުގައި އެހެން ކީޕަރެއް ނުގެންނާނެކަމަށެވެ.
އެހެންކަމުން ޑެހެއާ ގެނައުމަށް ބޭލް ދޫކޮށްލާފާނެ ކަމާމެދު އުފެދޭ ސުވާލަށް މިވަނީ ޖަވާބެއް ލިބިފައެވެ.
ދެން އޮތީ އިތުރު ބަދަލެއް ނެތި ބޭލް ވިއްކާ ލުމެވެ. ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ރެއާލުން ގަތް ބޭލްގެ ވިއްކުމުގެ އަގު 100 މިލިއަން ޕައުންޑަވުރެ މަތިވާނެކަމަށް ބެލެވެއެވެ. އެހެންކަމުން މިއަގަކީ މެންޔޫއަށް ބޭލް ގެންދެވޭ ވަރުގެ އަގެއްތޯ ވަނީ ސުވަލު އުފެދިފައެވެ. މިހާތަނަށް އެނގިފައިވަނީ އަންނަ ސީޒަންގައި ޓީމް ވަރުގަދަ ކުރުމަށް މެންޔޫއިން ގެންދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓްގައި ބޭލްގެ ނަން ހިމެނޭކަމެވެ. އަދި ބޭލް އެޓީމަށް ގެންދިއުމަށް ޓީމްގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު މެންޔޫގެ ކޯޗް ލުއިސް ވެންގާލަށް ވަނީ ލިޔުމަކުން ހުށަހަޅަފައެވެ.