13 May 2015, 12:37
ކީރިތި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސަނަދުން ގުޅިފައިވާ ގާރީއެއްގެ އަރިހުން މަތަނު ޖަޒަރިއްޔާގެ ސަނަދު ދިވެެއްސަކު ހާސިލްކޮށްފި އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަރިވަރަކު ފުރަތަމަ ފަހަރަށް ހާސިލްކުރި އެސަނަދު ހާސިލް ކޮށްފައި ވަނީ ޓީވީއެމުން މިދިޔަ ރަމަޟާން މަހާ ދިމާކޮށް މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި، "އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުގެ އެއް ވަނަ ހޯދި ށ. ފޭދޫ، ވަވެތި، އަލްހާފިޒް އަބްދުއްރަޝީދު އެވެ.
އަބްދުއްރަޝީދު ވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ޔަމަނުގެ ގާރީއެއް ކަމަށްވާ އަލްހާފިޒް އަހުމަދުއް ރަމާދީ އަރިހުން ތަޖުވީދު ޅެންބައިތުގެ 107 ބައިތު ހިތުން ދަސްކޮށް މަތަނު ޖަޒަރިއްޔާގެ އިޖާޒާ ހާސިލް ކޮށްފައި ކަމަށް އެމަރުކަޒުން މައުލޫމާތުދެ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަބްދުއްރަހުމާނު ޔޫނުސް މިއަދު ސަން އަށް ވިދާޅުވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވައްސަލަމް ސަނަދުން ގުޅުމުގެ ޕުރޮގުރާމްގެ ތެރެއިން އެއްބައި ކަމުގައިވާ ތަޖުވީދު ޅެންބައިތުގެ 107 ބައިތު ހިތު ދަސްކޮށް މަތަނު ޖަޒަރިއްޔާގެ އިޖާޒާ ހާސިލް އަބްދުއްރަޝީދު ކޮށްފައިވާ އިރު އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވައްސަލަމް ސަނަދުން ގުޅުމުގެ ޕުރޮގުރާމް ފުރިހަމަ ވާނީ ގުރުއާން އެއްކޮށް ހިތުން ކިޔައިދިނުމާއި ޖަޒަރިއްޔާ ޝަރަހަޔާ އެކު ކިޔައިދިނުމުގެ އިތުރުން ކީރިތި ގުރުއާން ތަޖުވީދުގެ މަތިން އެއްވެސް ކުށަކާއި ނުލައި ކިޔައިދިނުމުންނެވެ.
އެ ޕްރޮގުރާމްގައި ތިން ދިވެއްސަކު ބައިވެރިވެ އެވެ.
ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސަނަދުން ގުޅުމަކީ، އެކަލޭގެފާނަށް ޤުރުއާން ހިތުން ކިޔައިދެއްވާފައިވާ އަސްހާބު ބޭކަލުންނަށް ޤުރުއާން ހިތުން ކިޔައިދީފައިވާ ބޭފުޅުން ގުޅިފައިވާ ގުޅުމަށް ކިޔާ ނަމަކެވެ. މިފަދަ ބޭފުޅަކަށް ޤުރުއާން ހިތުން ކިޔައިދެވިއްޖެ ނަމަ އެއީ ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. އަދި އެހާފިޒަކު ކީރިތި ރަސޫލާގެ ސަނަދުން ގުޅިގެން ދެ އެވެ.