ޏ. ފުވައްމުލަށް ދޫޑިގަމް، އާސްމާންގޭ އަބްދުﷲ ޝުހާދު މަރާލުމުގެ ކުށުގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ފަރީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާ އިރު ފަރީދު އިތުރު ބަޔަކާ އެކު ފުވައްމުލައް ދޫޑިގަން ބޮޑުފަންނު މަގާ ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް އޭނާގެ ކަނާތުގައި އޮތް ވަޅި އެއްފަހަރު ހަރާލާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ޝުހާދު މަރުވެފައި ވަނީ، ވަޅިހަރާލުމުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުންދަނިކޮށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

"އަބްދުﷲ ޝުހާދުގެ ވާރުތަވެރިން ކަމަށްވާ އަބްދުﷲ ޝުހާދުގެ ބައްޕަ މުހައްމަދު ހުސައިން އާއި އޭނާގެ މަންމަ ޚަދީޖާ މުހައްމަދު ބޭނުންވަނީ އެދެމަފިރިންގެ ދަރިފުޅު އަބްދުﷲ ޝުހާދު މަރާލި މީހާގެ ކިބައިން ގިސޯސްހިފަންކަން، އަބްދުﷲ ޝުހާދުގެ ބައްޕަ މުހައްމަދު ހުސައިން އާއި އޭނާގެ މަންމަ ޚަދީޖާ މުހައްމަދުގެ ބަޔާނަށް ބެލުމުން އެނގެން އޮތުމާއި، ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވުމާއި، އެމާއްދާގެ (ރ) ގައި މިފަދަ ކުށުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަދަބެއްކަމުގައި ބުނެފައިވާތީ، ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ޏ. ފުވައްމުލައް، ކަރަންކާއާގެ ހަސަން ފަރީދު މެރުމަށް ހުކުމްކޮށް މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.