13 May 2015, 10:31
އޭޝިއަން ވޮލީ ބޯލް ޗެމްޕިއަންޝިޕްގެ 23 އަހަރުން ދަށުގެ ފިރިހެން ވޮލީބޯލް މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗް ތިން ސެޓުން މިޔަންމާ އަތުން ބަލިވެއްޖެ އެވެ.
މުބާރާތް ބާއްވާ ޤައުމު މިޔަންމާއާ ދެކޮޅަށް އިއްޔަ ކުޅުނު މެޗްގެ ފުރަތަމަ ސެޓުން ރާއްޖެ ބަލިވި 25 ޕޮއިންޓް – 12 ޕޮއިންޓުންނެވެ.
ދެ ވަނަ ސެޓް 25 ޕޮއިންޓް – 14 ޕޮއިންޓުން ބަލިވި އިރު ތިން ވަނަ ސެޓުން ރާއްޖެ ބަލިވީ 25 ޕޮއިންޓް 16 ޕޮއިންޓުންނެވެ.
ރާއްޖެ ހިމެނޭ ޕޫލް (ގުރޫޕް) އޭގެ އަނެއް މެޗުގައި އިއްޔަ ސައުދީ ޢަރަބިއްޔާއާ ވާދަކޮށް ތައިލެންޑު ވަނީ ތިން ސެޓުން މޮޅުވެފަ އެވެ.
ޕޫލްގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗް މާދަމާ ބައްދަލު ކުރާނީ ތައިލެންޑާ ދެކޮޅަށެވެ.
ޕޫލްގެ އެންމެ ފަހު މެޗް ރާއްޖެ ނިކުންނާނީ ސައުދީ ޢަރަބިއްޔައާ ދެކޮޅަށެވެ. މިމެޗް އޮންނާނީ ހުކުރު ދުވަހު އެވެ.
މިމުބާރާތަށް ފުރުމުގެ ކުރިން ރާއްޖެ ޓީމްގެ ކޯޗް އަޙްމަދު އަދީލު ބުނީ އަމާޒަކީ ގަދަ އަށްކުން ޖާގައެއް ހޯދުން ކަމަށެވެ.
މިމަހު ބޭއްވި އެއް ވަނަ އޭޝިއަން ވޮލީ ބޯލް ޗެމްޕިއަންޝިޕްގެ 23 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމް ވަނީ ބައިވެރިވެފަ އެވެ. އެމުބާރަތުން ރާއްޖޭގެ ޓީމް ކެޓީ އެއްވެސް މެޗަކުން މޮޅު ނުވެ އެވެ.