26 Feb 2011, 18:39
ގައުމުގައި އޮތް އެއްބައެއްވަންތަކަން ދެމެހެއްޓުމަށާއި، އިސްލާމްދީނާއި ދިވެހި ބަސް ދަމަހައްޓައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެއްވުމަށް މަސައްކަތްކޮށްދެއްވުމަށް، މިއަދު މަގާމާ ހަވާލުވެވަޑައިގެންނެވި ކައުންސެލަރުންނަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމު އިލްތިމާސް ކުރައްވައިފި އެވެ.
މިއަދު ކައުންސިލަރުން މަގާމާ ހަވާލުވެވަޑައިގެންނެވި މުނާސަބަތާ ގުޅިގެން އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، އިދިކޮޅު ޑީއާރުޕީގެ ވެސް ޒައީމު މައުމޫނުއަބުދުލް ގައްޔޫމު ނެރުއްވާފައިވާ ބަޔާނުގައި، ވިދާޅުވެފައި ވަނީ، އެ ބޭފުޅުންނާ ރައްޔިތުން އެ މަގާމު ހަވާލު ކުރައްވާފައި ވަނީ، ވަރަށް މަތިވެރި އުއްމީދުތަކެއް ހާސިލްވުން އެދިގެން ކަމަށެވެ. އަދި އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަން ކަނޑައަޅާފައިވާ ގާނޫނު އަސާސީ ފާސްކޮށް ހިންގަން ފަށާފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި، ކަން ފާހަގަ ކުރައްވައި، ގާނޫނު އަސާސީގައި ވާގޮތަށް 2009 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކުގެ އިންތިހާބު ބޭއްވިފައި ނުވަނީ ކޮންމެވެސް ފަރާތެއްގެ އިހްމާލުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ކައުންސިލްތަކުގެ މެންބަރުންނަށް މިއަދު އަޅުގަނޑު ދަންނަވާލަން އޮތް އަނެއް ވާހަކައަކީ، ގާނޫނު އަސާސީންނާއި، ލާމަރުކަޒީ ގާނޫނުން ތިޔަ ބޭފުޅުންނަށް ވަރަށް މަތީ ބާރުތަކެއް އަރުވާފައިވާ ވާހަކަ. އެއާ އެކު އެހާމެ މުހިއްމު ޒިންމާތަކެއް ވެސް ތިޔަ ބޭފުޅުންނާ ހަވާލުކޮށްފައިވާ ވާހަކަ. އެހެންކަމުން މި ފުރުސަތުގައި އަޅުގަނޑު ނުހަނު އިހްލާސްތެރިކަމާ އެކު ތިޔަ ބޭފުޅުންނަށް އިލްތިމާސްކުރަނީ، ގާނޫނު އަސާސީންނާއި ގާނޫނުން ތިޔަ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ބާރު، ތެދުވެރި ކަމާއި އަމާނާތްތެރިކަމާ އެކު، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ބޭނުން ކުރެއްވުމަށް. އަދި މި ކަންކަން ކުރެއްވުމުގައި، ހުރިހާ އިރެއްގައި ވެސް އަދި ހުރިހާ ތަނެއްގައި ވެސް ރަށާއި އަތޮޅުގެ އަދި ސިޓީގެ މަސްލަހަތަށް އިސްކަން ދެއްވުމަށް. ހަމަޔާއި އިންސާފަށް ލޯބި ކުރެއްވުމަށް. ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންކޮށްފައިވާގޮތް ބެއްލެވުމާ އެކު ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ކަމެއްވެސް ކުރައްވަމުން ގެންދެވުމަށް،" އެ ބަޔާނުގައިވެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތަކީ މީގެ އެތަކެއް އަހަރު ކުރީއްސުރެ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ފައްޓާފައިވާ ސިޔާސަތެއްކަން ހާމަ ކުރައްވައި، އެ ބަޔާނުގައި، ވަނީ ގައުމުގެ ހާލަތާއި ރައްޔިތުންގެ ހޭލުންތެރިކަމާއި ގާބިލިއްޔަތު ރަނގަޅުވަމުން އިތުރުވަމުން އަންނަ ވަރަކަށް އެ ސިޔާސަތު ތަރައްގީވަމުން އައިސް މިހާރު މިދެކޭ ހިސާބަސް މިވަނީ އާދެވިފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.