12 Apr 2010, 15:38
19:00
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، "މޯލްޑިވްސް ޕޮލިޓެކްނިކް"ގެ ނަމުގައި މިއަދު މުއައްސަސާއެއް އުފައްދަވައި، އެ މުއައްސަސާއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައި ވަނީ މޯލްޑިވްސް ޕޮލިޓެކްނިކް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިން"އިން ކުރަމުން ގެންދާ މަސައްކަތްތަކާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޯލޮޖީން ހިންގަމުން ގެންދާ ޑިގްރީ ފެންވަރަށްވުރެ ދަށުގެ ކޯސްތައް ހިންގެވުމަށްޓަކައި ކަމަށެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަމުގައި ވަކި މުއައްސަސާއެއް އުފެއްދެވުމުގެ ބޭނުންފުޅަކީ، ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރެއްވުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ސަރުކާރުން އުފައްދަވާފައިވާ މުއައްސަސާއަކީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ކަމަށްވެފައި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީން ހިންގަމުން ގެންދާ ގިނަ ކޯސްތަކަކީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގއިން ހިންގުމަށް ހަމަޖައްސަވާފައިވާފަދަ ކުރުމުއްދަތުގެ ފަންނީ ކޯސްތަކަކަށްވާތީ، ސަރުކާރުގެ ދެ މުއައްސަސާއަކުން އެއްމަސައްކަތެއް ކުރައްވަމުން ގެންދެވުމުގެ ބަދަލުގައި، އެއް މުއައްސަސާއަކުން މިމަސައްކަތްތައް ކުރަމުން ގެންދާ ގޮތަށް ހަމަޖެއްސެވުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި މިކަމަށް ހިނގާ ޚަރަދުތައް ކުޑަކުރެވި، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނޭ ގޮތެއް ހަމަޖެއްސެވުމަށްޓަކައި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، ކުރު މުއްދަތެއްގެ ތެރޭގައި ޔުނިވަރިސިޓީއަކަށް ބަދަލުވެގެންދާއިރު، ޔުނިވަރސިޓީގެ އަމާޒަކަށްވާނީ، ތަޢްލީމީ ދާއިރާގެ މަތީ ފެންވަރުގެ ކޯސްތައް ހިންގުން ކަމަށާއި ވަޒީފާދޭ ފަރާތްތަކާ ގުޅިގެން ފަންނީ ވަޒީފާތަކަށް ބޭނުންވާނެ ހުނަރުތަކުގެ ކޯސްތައް ހިންގުމަކީ، ޔުނިވަރސިޓީން އިސްކަމެއްދީގެން ކުރާނެ ކަމެއް ކަމަށް ނުވެދާނެތީ، ފަންނީ ތަމްރީނު ދިނުމަށް ޚާއްޞަކުރެވޭ ވަކި މުއައްސަސާއެއް ހުރުމަކީ، މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދެވުމުގެ މައިގަނޑު އެއް ބޭނުން ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދެވުމާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ" މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އުވާލައްވާފައިވާ ކަމަށާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީން ކ. ތުލުސްދޫގައި ހިންގަމުންގެންދާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރާއި، ރ. އަލިފުށީގައި ހިނގަމުންދާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރ، މޯލްޑިވްސް ޕޮލިޓެކްނިކުގެ ދަށުން ހިނގަމުންދާ ގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.