މި ސަރުކާރުގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިިފި އެވެ.

ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ ބައްދަލު ކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްތަކުގައި އޭނާ ކުރެއްވި މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރެއްވި ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ކަމުން ޝަހީމް އިސްތިއުފާ ދެއްވާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ. ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން އެ މަގާމުތަކުން އިސްތިއުފާ ދިނުމަށް އެ ޕާޓީން މަޝްވަރާ މަޖިލީހުން ފާސްކޮށް އެކަން އަންގައިފައި ވަނިކޮށެވެ.

ޝަހީމް އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމުން އެ މާގަމަށް ޑރ. އަހުމަދު ޒިޔާދު ބާގިރު އައްޔަން ކުރައްވާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓަރު ޒިޔާދުއާ ޝަހީމް ބައްދަލު ކުރައްވާފައިވާއިރު ދާދިފަހުން އޭނާ ވަނީ ކުއްލިއްޔާގައި އަންނަ ޖޫން މަހު އަލަށް ފަށާ "މާސްޓަ އޮފް އިސްލާމިކް ޖުޑީޝަލް ސިސްޓަމް" ކޯހުގައި އޭނާ ކިޔަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.