13 May 2015, 10:14
އދ. މަޖިލިސް (މޭ 13) : ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރްސަތު ދިނުމުގެ ގޮތުން ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުން އިއްޔެ ހެނދުނުން ފެށިގެން ތަންފީޒު ކުރަން ފެށުމާ އެކު އިންސާނީ އެހީގެ އޮޕަރޭޝަން ވެސް ފެށިއްޖެކަމަށް އދ. އިން ބުނެފި އެވެ.
އދ.ގެ މަސްއޫލުވެރިއަކު ވިދާޅުވީ ޔަމަންގެ ޙޫޘީންނާއި ސައޫދީ އަރަބިޔާ އިސްވެ އޮވެގެން ހޫޘީންނާ ދެކޮޅަށް އެކުލަވާލާފައިވާ ކޯލިޝަނުން ވެސް ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަންފެށުމާ އެކު އިންސާނީއެހީގެ އޮޕަރޭޝަން ވެސް ފަށައިގެން ކުރިޔަށްދާ ކަމުގަ އެވެ. ފަސް ދުވަހުގެ މުއްދަތަށް ޙަމަލާތައް ހުއްޓާލުމުގެ މިފުރްސަތުގެ ބޭނުންކޮށްގެން އެތަށް ހާސްޓަނެއްގެ އިންސާނީ އެހީގެ ތަކެތި ވައިގެ މަގުންނާއި ކަނޑުގެ މަގުން ޔަމަނަށް އެތެރެކޮށް ޙާލުގައިޖެހިފައިވާ އެތައް މިލިޔަން ބަޔަކަށް އެތަކެތި ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމުގަ އެވެ.
އދ. އިން ޔަމަނަށް ފޮނުވާ އިންސާނީ އެހީގެ ބާވަތްތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް ސާމާނާ އަދި ވަގުތީ ހިޔާގެ ގޮތުގައި ބޭނުންކުރާ ފޭލިގެތަކާއި އަންނައުނާއި ސާފުތާހިރު ވުމަށް ބޭނުންވާ ސާމާނު ހިމެނެ އެވެ.
ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނުގެ ޙޫޘީންނަށް ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން އެގައުމަށް ބޮޑެތި ގެއްލުންތަކެއްލިބި ހާހަކަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު އެތައް މިލިޔަނަކަށް އަރާކަމަށް އދ. ން ބުނެ އެވެ. ސައޫދީންނާއި ޔަމަންގެ ހޫޘީ ހަނގުރާމަވެރިން ވަނީ އިއްޔެ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފަ އެވެ.
ހޫޘީ ހަނގުރާމަވެރިން ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރަމުން ގެންދާއިރު ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަނުން ގެންދަނީ އެކަން ނާކާމިޔާބުކޮށް ޙޫޘީން ބަލިކޮށް އެމީހުންގެ އަތުން ހަތިޔާރު ނިގުޅައި ގަތުމަށް ޓަކައި ޔަމަނަށް ހަމަލާދީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި ހުޘީން ބަލިކުރުމަށްފަހު ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް އަލުން އަނބުރައި ވެރިކަން ހޯދައި ދިނުމަކީވެސް ސައޫދީންގެ މަގްސަދެކެވެ.
ހާދީ އަކީ ޔަމަންގެ ރައީސް ކަމަށްވިޔަސް އޭނާގެ އެއްވެސް ކޮންޓްރޯލެއް ޔަމަންގެ އެތެރޭގައި ނުވެއެވެ. ހާދީ ފިއްލަވައިގެން ގޮސް އުޅުއްވަނީ ސައޫދީ އަރަބިޔާގެ ޙިމާޔަތުގައެވެ. (ރޮއިޓާސް)