13 May 2015, 10:26
ދަނޑުވެރިކަމުގައި ގަސްގަހަށް އެޅުމަށް ބޭނުންކުރާ ކާނާ އުފައްދަން ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އިން މިއަދު ހުޅުވާލައިފި އެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، އޯގަނިކް ކޮމްޕޯސްޓް އަދި ބަޔޯ ޕެސްޓިސައިޑް އުފެއްދުމާ ބެހޭ މައުލޫމާތުދީ އެތަކެތި އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކަމަށް އެންމެ އެކަށީގެންވާ ރަށެއްގައި އެ މިނިސްޓްރީގެ ފަރާތުން ޕްރޮގްރާމެއް ހިންގާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އެގޮތުން އެ ޕްރޮގްރާމް އެރަށެއްގައި ހިންގައި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި އެ ރަށެއްގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލާފަ އެވެ.
ފިޝަރީޒް މިނިސްޓްރީ އިން އާންމުކޮށް ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނޭ ރަށެއް ކަނޑައެޅުމުގައި ވަކި ކަންތައްތަކަކަށް ބަލާނޭ ކަމަށެވެ. އެގޮތުން މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަރުގެ ބިމެއް އޮތުމާއި ކާދު ތައްޔާރު ކުރުމަށް އެކަށީގެންވާ ކަހަލަ ތަކެތި ރަށުން ލިބެން ހުރި މިންވަރަށް ބަލާނެ ކަމަށެވެ.
އޭގެ އިތުރުން އެ ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތާއި ދަނޑުވެރިކަމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ޕްލޭންކޮށްފައިވާ މިންވަރު އަދި ދަނޑުވެރިންނަށް ގަސްކާނާ ފޯރުކޮށްދިނުމަށް ރާވާފައިވާ ގޮތުގެ ހަރުދަނާ ކަމަށް ބަލާނޭ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ހައްދާ ބަވަތްތައް އުފެއްދުމަށް އެތެރެ ކުރާ ކާދުގެ ބަދަލުގައި ތިމާވެށްޓާއި ރައްޓެހި ކާދެއް، ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ތައްޔާރު ކުރާނެގޮތް ކިޔައިދިނުމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
ޖަމުޢިއްޔާ ޖަމާޢަތްތަކުން އަދި ކޯޕަރޭޓިވްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށެވެ. ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފޯމް ލިބެން ހުންނާނީ ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުwww.fishagri.gov.mvއިންނެވެ.