13 May 2015, 10:39
ޔޫއެފްއާ ޗެމްޕިއަންސް ލީގް ސެމީފައިނަލްގެ ދެ ވަނަ ލެގް މެޗްގައި ބާސެލޯނާގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް މޮޅުވިނަމަވެސް 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސާ ފައިނަލަށް ހިނގައްޖެއެވެ.
މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ބަޔާންއިންނެވެ. ފުރަތަމަ ހާފުގެ ހަތް ވަނަ މިނެޓްގައި ބަޔާނަށް މިލަނޑު ކާމިޔާބުކޮށްދިނީ ޒާބީ އޮލޮންސޯ ނަގައިދިން ކޯނަރަކުން މޮރޮކޯގެ ޑިފެންޑަރު މެހްދީ ބެނޭޓާއެވެ.
މިލަނޑު ކާމިޔާބު ކުރިތާ އަށް މިނެޓް ފަހުން ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ނޭމާވަނީ ބާސާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗްގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓްގައި ބާސާގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ނޭމާއެވެ. މިލަނޑު ޖެހުމުގައިވެސް މަގުތަނަވަސްކޮސްދިނީ ލުއިސް ސުއަރޭޒްއެވެ.

ބާސެލޯނާއާއި ބަޔާން މިޔުނިކް ބައްދަލު ކުރި ސެމީފައިނަލުގެ ދެ ވަނަ ލެގް މެޗްގެ ތެރެއިން. މިމެޗުން ބާސާ ބަލިވި ނަމަވެސް 5-3 ގެ އެގްރިގޭޓް ނަތީޖާއިން އެޓީމް ވަނީ މޮޅުވެ ފައިނަލަށް ދަތުރުކޮށްފައި --- ފޮޓޯ/ އޭޕީ
ބަޔާންގެ ދެ ވަނަ ލަނޑުޖަހައި ބާސާއާ ހަމަހަމަކޮށްދިން ލަނޑު ދެވަނަހާފުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޕޮލެންޑުގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީއެވެ. މިއީ ޖަރުމަންގެ މިޑްފީލްޑަރު ބަސްޓިއަން ސްވައިންސްޓައިންގާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔަބުކުރި ލަނޑެކެވެ.
ބަޔާން މެޗުން މޮޅުވި ލަނޑު ދެ ވަނަ ހާފުގެ 29 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ތޯމަސް މުލާއެވެ. މިލަނޑު ކާމިޔާބު ކުރީވެސް ސްވައިންސްޓައިންގާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މިމެޗުން ބަލިވިޔަސް ބާސާ ފައިނަލަށް ދިޔައީ ސެމީފައިނަލް ފުރަތަމަ ލެގްގެ މެޗްގައި އަމިއްލަ ދަނޑު ކޭމްޕްނޯގައި ބަޔާން 3-0 ބަލިކުރުމަށްފަހު އަދި ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅުނު މެޗްގައި 3-2 ގެ ނަތީޖާއަކުން ބަލިވިނަމަވެސް ބާސާއިން ސެމީފައިނަލްގައި ބަޔާން ކޮޅަށް ފަސް ލަނޑު ޖަހާފައިވުމުގެ ސަބަބުންނެވެ. ބަޔާންއަށް ބާސާކޮޅަށް ޖެހުނީ ރޭގެ މެޗްގައި ޖެހި ތިން ލަނޑު އެކަންޏެވެ.

ބާސެލޯނާއާއި ބަޔާން މިޔުނިކް ބައްދަލު ކުރި ސެމީފައިނަލްގެ ދެ ވަނަ ލެގް މެޗްގެ ތެރެއިން. މިމެޗުން ބާސާ ބަލިވި ނަމަވެސް 5-3 ގެ އެގްރިގޭޓް ނަތީޖާއިން އެޓީމް ވަނީ މޮޅުވެ ފައިނަލަށް ދަތުރުކޮށްފައި --- ފޮޓޯ/ އޭޕީ
މިއީ ފަސް އަހަރަށް ފަހު ބާސާ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެޓީމް ފައިނަލަށް ދަތުރުކުރީ 2011 ވަނަ އަހަރުއެވެ. އޭރު އެޓީމްގެ ކޯޗަކަށް ހުރީ މިހާރު ބަޔާންގެ ކޯޗް ޕެޕް ގާޑިއޯލާއެވެ.
މީގެ ކުރިން 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލްގެ ދެ މެޗުވެސް ކާމިޔާބުކޮށް ބަޔާނުން ވަނީ 7-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސާގެ މައްޗަށް ކާމިޔާބު ހޯދައި އެއަހަރުގެ ސެމީފައިނަލުން ބާސާ ކަޓުވާލާފައެވެ.

ބާސާގެ ކޯޗް ލުއިސް އެންރީކޭއާއި ބަޔާންގެ ޕެޕް ގޯޑިއޯލާ --- ފޮޓޯ/ އޭޕީ
މިހާތަނަށް ބާސާއާއި ބަޔާން ދިހަ ފަހަރު މަތިން ބައްދަލު ކޮށްފައިވާއިރު ބަޔާނުން ވަނީ ބާސާގެ މައްޗަށް ހަ ފަހަރު ކާމިޔާބު ހޯދާފައެވެ. ބާސާ ދެ މެޗުން މޮޅުވެފައިވާއިރު ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ބަޔާނުން ބާސާގެ ކޮޅަށް 18 ލަނޑު ޖަހާފައިވާއިރު ބާސެލޯނާއިން ޖަހާފައި ވަނީ 13 ލަނޑެވެ.
ސެމީފައިނަލްގެ އަނެއް މެޗްގައި މިރޭ ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސްއެވެ. މިދެޓީމް ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގް މެޗް އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖައަކުން ކާމިޔާބުކުރީ ޔުވެންޓަސްއެވެ.
ރާއްޖޭގަޑިން މިރޭ 11:45 ގައި ކުޅޭ މެޗް އޮންނާނީ ރެއާލްގެ ސެންތިއާގޯ ބެރްނަބިއު ސްޓޭޑިއަމްގައެވެ.