13 May 2015, 09:56
ވޮޝިންޓަން (މޭ 13) : އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ސައޫދީ ވަލީއުލްއަހްދު މުޙައްމަދު ބިން ނާއިފް އާއި ވަލީއުލްއަހްދުގެ ނައިބު މުޙައްމަދު ބިން ސަލްމާން އާ ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުމުގައި އެ ތިން ބޭފުޅުން މަޝްވަރާ ކުރެއްވީ މިއަދު އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ފެށުމަށް ހަމަޖެހިފައިވާ އެމެރިކާ އާއި ގަލްފުގެ އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓާ ބެހޭ ގޮތުންނާ އަދި ސައޫދީ އަރަބިޔާއާއި އެމެރިކާގެ ގުޅުންތަކާ ބެހޭ ގޮތުން ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ. ކޭމްޕް ޑޭވިޑްގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ސަމިޓަކީ އީރާނާއި އެމެރިކާ ގާތްވަމުން ދާތީ އެކަމާ މެދު ސައޫދީ އަރަބިޔާ އާއި ގަލްފު ގައުމުތައް ހިތްހަމަނު ޖެހޭ މައްސަލައާ މެދު ބަޙްޘް ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިސް ނަންގަވައިގެން ބާއްވާ ސަމިޓެކެވެ. ނަމަވެސް މިސަމިޓްގައި ސައޫދީ ރަސްގެފާނާއި އުމާންގެ ރަސްގެފާނާ ބަޙްރައިންގެ ރަސްގެފާނާ އަދި ޔޫއޭއީގެ ރައީސް ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.
މިބޭފުޅުންގެ ބަދަލުގައި އެސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވަނީ އެގައުމުތަކުގެ އެހެން މަސްއޫލުވެރިންނެވެ. މީގެތެރެއިން އުމާންގެ ރަސްގެފާނުން ސަމިޓްގައި ބައިވެރިވެ ވަޑައިނުގެންނެވީ އާލާސްކަންފުޅުގެ ސަބަބުން ކަމަށް ވިޔަސް އެމެރިކާއާ ވަރަށް ގާތްގުޅުންތަކެއް އޮންނަ އަނެއް ތިން ގައުމުކަމަށްވާ ސައޫދީ އަރަބިޔާ އާއި ބަޙްރައިން އާއި ޔޫއޭއީގެ އެންމެ އިސްވެރިން މި ސަމިޓްގައި ބައިވެރިވެ ވަޑައިނުގެންނެވީ އީރާނާ ގާތްވުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންކަމަށް ވަނީ ބެލެވިފަ އެވެ.
ގަލްފުގެ ހަ ގައުމުގެ ތެރެއިން ހަތަރު ގައުމެއްގެ އެންމެ އިސްވެރިން ކޭމްޕް ޑޭވިޑް ސަމިޓަށް ޙާޒިރުވެވަޑައިނުގަންނަވާ މައްސަލާގައި އޮބާމާ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި މިއީ ގަލްފުގެ ގައުމުތަކުން އޮބާމާއަށް ދިން ވަރުގަދަ ސިޔާސީ މެސެޖެއްކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއަދު ފެށޭ ކޭމްޕް ޑޭވިޑް ސަމިޓްގައި ގަލްފުގެ ގައުމުތަކުގެ ތެރެއިން އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާއި ކުވައިތުގެ އަމީރު ޝައިޚް ސަބާހުލްއަހްމަދެވެ. (އަލްޖަޒީރާ)