13 May 2015, 10:06
ނޭޕާލަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 65 އަށް އަރާފައިވާ ކަމަށް އެހީ ފޯރުކޮށްދޭ އޭޖެންސީތަކުން ބުނެފައިވާ ކަމަށް ބީބީސީ އިން ބުނެފި އެވެ.
އޭޖެންސީތަކުން މައުލޫމާތުދޭ ގޮތުގައި 65 މީހަކު މަރުވެފައިވާ އިރު ޒަޚަމް ވެފައިވާ މީހުންގެ އަދަދު އުޅެނީ 1،926 އަށް ވުރެ މަތީގައި ކަމަށް ސީއެންއެން އިން ބުންޏެވެ.
އިއްޔެ އައި ބިންހެލުމުގައި އިންޑިއާާ އިން ވެސް 17 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ހޯމް މިނިސްޓްރީގެ ސްޕޯކްސްމެން ކުލްދީޕް ދަތުވާލިއާ ވަނީ ވިދާޅުވެފަ އެވެ.
އިއްޔެ އައި އެ ބިންހެލުމަކީ ވޭތުވެ ދިޔަ ދެ ހަފުތާއެއްގެ ތެރޭގައި ނޭޕާލަށް އައި ދެވަނަ ބާރުގަދަ ބިންހެލުމެވެ. ނޭޕާލަށް އިއްޔެ އައިސްފައި ވަނީ 7.3 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެ ބިންހެލުމުގެ 30 މިނެޓް ފަހުން 6.3 މެގްނިޓިއުޑްގެ އާފްޓާ ޝޮކެއް ވެސް ވަނީ އައިސްފަ އެވެ. އެ ބިންހެލުން އައިސްފައި ވަނީ ކަތަމަންދޫގެ އިރުމަތީކޮޅުގައި އޮންނަ ރަމޭޗަޕް ޑިސްޓްރިކްޓަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާ ހަވާލާދީ ރޮއިޓާސް އިން ބުނީ އިއްޔެ އައި 7.3 މެގްނިޓިއުޑްގެ އެ ބިންހެލުމަކީ 19 ކިލޯ މީޓަރު އަޑިން އައި ބިންހެލުމެއް ކަމަށާއި ބިން ހެލުން އައިސްފައި ވަނީ ނޭޕާލުގެ ހުޅަނގުން 68 ކިލޯ މީޓަރަށް، ނަމަޗޭ ބާޒާރަށް ކަމަށެވެ.
މިފަހަރު އައި ބިންހެލުމުގެ އަސަރު ކުޑަކޮށް އުތުރު އިންޑިއާ އާއި ބަންގްލަދޭޝް އަށް ވެސް ވަނީ ކޮށްފަ އެވެ.
މިދިޔަ މަހު ނޭޕާލް އަށް ފުރަތަމަ ބިންހެލުން އައިސްފައިވާ އިރު އެ ބިންހެލުން އައިސްފައި ވަނީ 7.8 މެގްނިޓިއުޑްގަ އެވެ. އެ ހަދިސާގައި 8،000 މީހުން މަރުވެ، 18،000 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.