ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އެހުކުމް ކޮށްފައިވަނީ ހދ. ކުޅުދުއްފުށީ، އަބަދަށްހިޔާގެ، އަޙްމަދު ޒިޔާދު،32 ގެ މައްޗަށެވެ.

ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ، 2012 އޮގަސްޓް 14 ވަނަ ދުވަހު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމުން ކުޑަކަމުދާ އެއްޗެހި ދީފައިނުވާތީ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ހެކީންގެ ހެކިބަހުން އޭނާގެ މައްޗަށް އެކުށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ ދަށުންނެވެ.