ދެހާސް ނުވަ ވަނަ އަހަރު ހުޅުމާލޭ ހަތަރު ނަންބަރު ފްލެޓުގައި ބިދޭސީއަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދެހާސް ނުވަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ފަތިހު 5:20 އެހައިކަންހާއިރު ނިދާފައި އޮއްވާ ބަނގުލަދޭޝްގެ މީހަކު މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލީ ވެސް އެ ގައުމުގެ މީހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މިލޮން ނިޔާވެފައި ވަނީ އޭނާއަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން ކަމުގައިވިޔަސް، އެ އަނިޔާތައް އޭނާއަށް ދީފައި ވަނީ ދައުވާ ލިބޭ ފާރޫކުކަން ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

"....އެ އަނިޔާތައް މިލޮންއަށް ކޮށްފައި ވަނީ މި މައްސަލާގައި ދައުވާ ލިބޭ ފާރޫކުކަން ސާބިތުކުރެވޭ ސާބިތު ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ފާރޫކުގެ މައްޗަށް ދައުލަތުން ކުޅަ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށް މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފާރޫކް ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި އޭނައާއެކު ހުޅުމާލޭ ފްލެޓުގައި ދިރިއުޅޭ މިލޮން ނަމަކަށް ކިޔާ ބަނގުލަދޭޝްގެ މީހަކާ ދެމެދު ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށް، އެމީހާ ނިދާފައި އޮއްވައި އޭނާގެ ކަރަށް ވަޅިހަރާފައިވާ ކަމަށް ވަނީ އިއުތިރާފުވެފަ އެވެ.

ނަމަވެސް ޝަރީއަތުގައި އޭނާ ބުނީ ތަހުގީގުގައި ކުށަށް އިއުތިރާފުވީ ފުލުހުން އޭނާއަށް ބިރުދައްކައި މަޖުބޫރު ކުރުވުމުން ކަމަށެވެ.