12 May 2015, 21:54
އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި މާޒިޔާއާއި ސިންގަޕޫރުގެ ވޭރިއާސް އެފްސީ ސިންގަޕޫރުގައި ކުޅުނު މެޗްވެސް 2-0 ގެ ނަތީޖާއަކުން މާޒިޔާ ކާމިޔާބުކޮށްފިއެވެ.
މިރޭ ސިންގަޕޫރުގައި ކުޅުނު މެޗްގައި މާޒިޔާގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އުމޭރާއި ޕަބެލޯ ރޮޑްރިގޭޒްއެވެ.
މާޒިޔާގެ ފުރަތަމަ ލަނޑު އުމޭރު ކާމިޔާބު ކުރީ ދެ ވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނެޓް ތެރޭގައެވެ.
މިއީ ވޭރިއާސްގެ ޑިފެންޑަރު ކޮރޭޝިއާގެ މާރިން ވިޑޯސޮވިޗަށް ހެދުނު މިސްޓޭކެއްގައި މާޒިޔާގެ އަހްމަދު ނާޝިދު (ނާއްޓޭ) އަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެޔަށް ހުރަސް ކުރުމުން އުމޭރު ކުރިއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.
މާޒިޔާގެ ދެ ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ސްޕެއިންގެ ފޯވަޑް ޕަބެލޯ ރޮޑްރިގޭޒްއެވެ.
މާރޗް މަހު މާޒިޔާއިން މާލޭގައި ވޭރިއާސް އެފްސީއާ ދެކޮޅަށް ކުޅުނު މެޗްވެސް ކާމިޔާބު ކުރީ 2-0 ގެ ނަތީޖައަކުންނެވެ.
މާޒިޔާ ގުރޫޕް ސްޓޭޖް ނިންމާލީ ހަތް ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައި އޮވެގެންނެވެ.
މިގުރޫޕުން ދެ ވަނަ ބުރަށް ދިޔައީ އިންޑޮނޭޝިއާގެ ޕަސިޕޫރާއި ޖަޔަޕޫރްގެ އިތުރުން އިންޑިއާގެ ބެންގަލޫރު އެފްސީއެވެ.
ޖަޔަޕޫރާ އެއްވަނައިގައި 16 ޕޮއިންޓާއެކު އޮތް އިރު ބެންގަލޫރު ދެ ވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ.
ވޭރިއާސް އެފްސީ ގުރޫޕް ސްޓޭޖު ނިންމާލީ އެއްވެސް ޕޮއޮއިންޓެއް ނުލިބިއެވެ.
މިމުބާރާތުގައި މާދަމާ ރާއްޖޭގެ ނިއުރޭޑިއަންޓް ނިކުންނާނީ ލާއޯސްގެ ލާއޯ އެފްސީއާ ދެކޮޅަށެވެ.