އީގަލްސްގެ ކޮންޓްރެކްޓްގައި ހުރި ނިއުރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އަޙްމަދު މުޙައްމަދު (އަންމަޑޭ) ފުރަތަމަ އެގާރައިގައި ކުޅެން ބޭނުންވާތީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

ވިކްޓްރީގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު މިރޭ ސަންއަށް ދިން އިންޓަވިއުގައި އަންމަޑޭ ބުނީ އޭނާ ވިކްޓްރީއަށް ސޮއި ކުރީ، އަމިއްލައަށް އީގަލްސްގެ ރީލީޒްއަށް އެދުމުން އެކްލަބުން ރިލީޒް ދިނުމުން ކަމަށެވެ.

"އީގަލްސްގައި އެބަތިބި ވަރަށް މޮޅަށް ކުޅޭ ޒުވާން ކުޅުންތެރިން. އެޓީމުގެ ފުރަތމަ އެގާރައިން ޖާގަހޯދުމަކީ ވަރަށް އުނދަގޫކަމެއް. އެހެންވެ އަމިއްލައަށް އީގަލްސް ޓީމުގެ ކިބައިން ރިލީޒަށް އެދި ރިލީޒް ލިބުމުން ވިކްޓްރީއަށް ސޮއި ކުރީ. އެއީ މިސީޒަންގައި ފްޓުބޯޅަ ކުޅެން ބޭނުންވާތީ،" އަންމަޑޭ ބުންޏެވެ.

އަންމަޑޭ ބުނީ ވިކްޓްރީއަކީ ގަލޮޅަށް ނިސްބަތްވާ ޓީމަކަށް ވުމުން އެޓީމަށް ކުޅޭން ޝައުގުވެރިވާ ކަމަށެވެ.

އަންމަޑޭ ވިކްޓްރީގެ ކޮންޓްރެކްޓްގައި ސޮއި ކުރީ މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އޭނާ ވަނީ މިރޭ އެޓީމުގެ ފަރިތަކުރުން ތަކުގައިވެސް ބައިވެރިވާން ފަށާފައެވެ.

އުމުރުން 31 އަހަރުގެ އަންމަޑޭ ފުޓްބޯޅަ ކެރިއާ ފެށީ 2000 ވަނަ އަހަރުއެވެ.

މިދިޔަ ސީޒަންގައި މާޒިޔާއަށް ވެސް ކުޅުނު އަންމަޑޭ ނިއުރޭޑިއަންޓްގެ ކެޕްޓަންކަން ކޮށްފައިވަނީ 2004 އިން 2011 ވަނަ އަހަރާ ހަމަޔަށެވެ.

ނިއުރޭޑިއަންޓް 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީފައިނަލަށް ދަތުރު ކުރިއިރު އަންމަޑޭ ވަނީ އެޓީމްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.