ހ. ހަންޑްރެޑްފްލާވާ، ޖައިލަމް އަހުމަދު ޝާކިރު މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުރާ ދައުވާ ބަލައި ގަންނާނީ ދައުވާގެ ސީޣާގެ ލިޔުމުގައި އޮޅުން އަރާ ގޮތަށް ލިޔެފައިވާ އިބާރާތްތައް އިސްލާހު ކުރުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ސަން އަށް މިއަދު ވިދާޅުވީ އެ މައްސަލަ ޕީޖީ އޮފީހުން އެންމެ ފުރަތަމަ އެ ކޯޓަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހު ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައި ވަނީ ދައުވާގެ ސީޣާގެ ލިޔުމުގައި އޮޅުން އަރާގޮތަށް ލިޔެފައިވާ އިބާރާތްތައް އިސްލާހު ކުރަން އަންގުމަށްފަހު ކަމަށެވެ. އަދި އެކަން ޕީޖީ އޮފީހަށް އަންގާފައި ވަނީ އެ ކޯޓުގެ ސިޓީއަކުން ކަމަށް މަނިކު ވިދާޅުވި އެވެ.

ނަމަވެސް ދެ ވަނަ ފަހަރަށް އެ މައްސަލަ ކޯޓަށް ފޮނުވިއިރު ވެސް އެކަން އިސްލާހުކޮށްފައި ނުވާތީ އަނެއްކާވެސް މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުވާގެ ސީޣާގައި މި ބުނަނީ އިސްމާއީލް އަނީގުއާއެކު ދިޔަ އިތުރު މީހާ ތިލައިގެ ދިގު މިނުގައި ގާތްގަނޑަކަށް 12 އިންޗި ހުންނަވަރުގެ ވަޅިއެއް ބޭނުންކޮށްގެން ޖައިލަމް އަހްމަދު ޝާކިރުއާ މެދު މާރާމާރީ ހިންގި ކަމަށް. ނަމަވެސް އިސްމާއިލް އަނީގުގެ މައްޗަށް ދައުވާ މިކުރަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ. އަދި ދައުވާގެ ސީޣާގައި ބަޔާންކޮށްފައި މިވަނީ އިސްމާއީލް އަނީގުއާ އެކު ދިޔަ އިތުރު މީހާ ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 12 އިންޗި ހުންނަވަރުގެ ވަޅިއެއް ބޭނުންކޮށްގެން ޖައިލަމް އަހްމަދު ޝާކިރުއާ މެދު މާރާމާރީ ހިންގިއިރު އިސްމާއީލް އަނީގުގެ އަތުންނާއި ފައިން ޖައިލަމް އަހްމަދު ޝާކިރާމެދު މާރާމާރީ ހިންގާފައިވާ ކަމަށް. އަތުންނާއި ފައިން ޖައިލަމަށް ހަމަލާދިނުމަކީ އިސްމާއީލް އަނީގުގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރަންޖެހޭ ސަބަބެއްތޯ،" މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ އެ މައްސަލަ ބަލައިނުގަތުމަށް ކޯޓުން ނުނިންމާ ކަމަށާއި ދައުވާގެ ސީޣާގައި ފަހުމްނުވާ ގޮތަށް ލިޔެފައިވާ އިބާރާތްތައް ރަނގަޅަށް އޮޅުންފިލާ ގޮތަށް ބަދަލުކުރުމަށްފަހު މައްސަލަ ކޯޓަށް ފޮނުވުމުން އެ މައްސަލަ ބަލައިގަންނާނެ ކަމަށެވެ. އަދި އެކަން ޕީޖީ އޮފީހަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖައިލަމް މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފައި ނުވާތީ ޕީޖީ އޮފީހުން ވަނީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.

ޖައިލަމް މަރާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު، އޭނާގެގެ ކަމުގައިވާ ހ. ހަންޑްރެޑް ފްލާވާގޭގެ ކައިރީ ހުއްޓަ އެވެ.