6:30

ކ. އަތޮޅު ވެރިކަން ކުރާ ރަށަކީ ތުލުސްދޫ ކަމަށް މާފުށީގައި މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގެ ގަރާރަކުން ފާސްކުރުމާ އެކު، މާފުށީގައި ހުރި އަތޮޅު އޮފީހުގައި ތަޅުއަޅުވައި، ކައުންސިލަރުން ފުލުހުންގެ އިދާރާއަށް ގެންގޮސްފި އެވެ.

މާފުށިން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުން ފުލުހުންގެ އިދާރާ އަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ކައުންސިލަރުން ފުލުހުންގެ އިދާރާއަށް ގެންގޮސްފައި ވަނީ އަތޮޅު އޮފީސް ކައިރިއަށް ބަޔަކު އެއްވެ، ކައުންސިލަރުންނާ ދިމާކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން ކަމަށެވެ.

އޭނާ ބުނީ ކ. އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ތުލުސްދޫ ކަމަށް ކައުންސިލް ބައްދަލުވުމުގައި ކަނޑައެޅުމާ އެކު ފުލުހުން އަތޮޅު އޮފީހަށް ވަދެ، އޮފީހުގައި ތަޅު އަޅުވައި ހުރިހާ ކައުންސިލަރުން އޮފީހުން ނެރެގެން ގެންގޮސްފައިވާ ކަމަށެވެ. އަދި ކައުންސިލުން ނިންމި ގޮތާ މެދު ހިތްހަމަ ނުޖެހިގެން، ކައުންސިލް މެންބަރުން ތިބި ފުލުހުންގެ އިދާރާގެ ކުރިމަތީގައި މާފުށީގެ ބަޔަކު އެއްވެ، ހިތްހަމަ ނުޖެހުންފާޅު ކުރަމުންދާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެ އެވެ.

ނަމަވެސް ފުލުހުން އެ ކަމާ ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.