ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމަށް މުއްދަތު ޖެހި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި އެވެ.

މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީސް ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ބުނެފައި ވަނީ އެމައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރުކަމެއް ސާފުކުރަންނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.

އަމީންގެ ގާނޫނީ ވަކީލު ސަން އަށް ވިދާޅުވީ ކްރިމިނަލް ކޯޓުން އަމީންގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ފާހަގަކޮށް، އެކަން ސާބިތުކޮށްދިނުމަށް ގާނޫނު އަސާސީގެ ކަމާ ބެހޭ މާއްދާތަކާއި ހައިކޯޓުން ކުރިން ނިންމާފައިވާ މިފަދަ ނިންމުންތަކުގެ މައްޗަށް ކޯޓުގައި ވަކާލާތު ކޮށްފައިވާނެ ކަމަށެވެ.

ހައިކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު އަމީން އިބްރާހިމް ފުލުހުންގެ ލޯންޗުގައި ދޫނިދޫއަށް ގެންދިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމީން ހައްޔަރުކޮށްފައި ވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ބަންދުން ދޫކޮށްލައިފިނަމަ އަމީންގެ ފަރާތުން މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ.

އަމީންގެ އިސްތިއުނާފު އަޑުއެމަށް އޭނާގެ އާއިލާގެ ބޭފުޅުން ވެސް މިއަދު ހައިކޯޓަށް ވަޑައިގެންނެވިއެވެ. ކޯޓުން ނިމިގެން އަމީން ދޫނިދޫއަށް ގެންދިޔުމަށް ފުލުހުންގެ ލޯންޗަށް އެރުވަން އުޅުނުވަގުތު، އެމަންޒަރު ފޮޓޯ އާއި ވީޑިއޯ ނަގަން އުޅުނު ނޫސްވެރިންނަށް ފޮޓޯ ނެގިޔަނުދިނުމަށް އޭނާ ގެންދިޔަ ވެހިކަލްގައި ތިބި ފުލުހުން މަސައްކަތްކޮށްފައިވެއެވެ.

ހައިކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު އަމީން އިބްރާހިމްގެ އާއިލާގެ ބޭފުޅުން ކޯޓުން ނިކުންނަވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

އަމީންގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ އިސްތިއުނާފު އަޑުއެހުންތައް ވެސް ހައިކޯޓުން އިއްޔެ ވަނީ ނިންމާލާފައެވެ.