12 May 2015, 16:14
ވިލާގެ އެކައުންޓްތަކުގައި ފައިސާނެތީ، އެކައުންޓްތަކުން ފައިސާ ނެގުމުން ނޫން ކަމަށާއި އެއީ ކުންފުނީގެ މިވަގުތު މާލީ ހާލަތު ހުރި ގޮތުން ކަމަށް ވިލާ ގްރޫޕްގެ އެގްޒެކްޓިވް ޑިރެކްޓަރު ފިނޭންސް ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން ޝިމާދު ވިދާޅުވީ އެކައުންޓްގައި ފައިސާ ނެތުމާއި އެކައުންޓް ފްރީޒް ކުުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ވިލާގެ އެކައުންޓްތައް ފްރީޒް ކުރުމުގެ މައްސަލަ ފެންމަތިވުމާ އެކު ވިލާ އިން އެ ކުންފުނީގެ މުއާމަލާތްތައް ފައިސާ އިން ކުރަމުން އަންނަ ކަަމަށް ދެކެވޭ ވާހަކަ އަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ އެ ކުންފުނިން އަމަލު ކުރަމުން އައީ "ކުރިން ވެސް ޓްރާންސެކްޝަންތައް ހަދަމުން އައި އުސޫލުން" ކަމަށެވެ. އަދި މީރާ އިން ކުރިން ލިބުނު ސީޓީގެ ފަހުން އެއްވެސް ސިޓީއެއް ލިބިފައި ނުވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އޮފިޝަަލަކު މިއަދު ވިދާޅުވީ ވިހި ފަރާތަކުން މީރާ އަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ވެސް އޮޕަރޭޓް ކުރަމުން އަންނަ އަށް ރަށަކާއި އަދި މިހާރު ހަދަމުންދާ ބާރަ ރަށެއް ކަަމަށެވެ.
"މި ހުރިހާ ފަރާތްތަކާ ދޭތެރޭ އަޅުގަނޑުމެން އަޅާނީ އެންފޯސްމެންޓް ޕޮލިސީގައި ހުރި ފިޔަވަޅުތައް،" މީރާގެ އޮފިޝަލު ވިދާޅުވި އެވެ. އެހެންނަަމަވެސް މި ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމެއް އަދި ނާޅާ ކަމެއް ވެސް އެ އޮފިޝަލު ކަށަވަރު ނުކޮށްދެ އެވެ.
އެންފޯސްމެންޓްގެ ޕޮލިސީގެ ދަށުން މީރާ އަށް ވަރަށް ބޮޑެތި ބާރުތައް ލިބި އެވެ. އޭގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުންދޭ ހިދުމަތް ހުއްޓުވާލުން ހިމެނެ އެވެ. އެގޮތުން ކަސްޓަމުގައި ހުންނަ މުދާ ހިފަހެއްޓުމާއި އަދި އިމިގްރޭޝަނުން ދޭ ހިދުމަތްތައް ހުއްޓުވާލުން ހިމެނެ އެވެ. އަދި އެ ފިޔަވަޅުތައް އެޅުމުން ވެސް ފައިސާ ނުދައްކައިފި ނަމަ ކޯޓަށް ދިއުމުގެ ފުރުސަތު ވެސް މީރާ އަށް އޮވެ އެވެ.
"ވިހި ރަށާއި ދޭތެރޭ ވެސް އަމަލުކުރެވޭނީ އެއް އުސޫލަކުން، އަޅަން ޖެހޭ ފިޔަވަޅެއް މީރާ އިން އަޅާނެ." މީރާގެ އޮފިޝަލް ވިދާޅުވި އެވެ.