12 May 2015, 15:23
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ޓީޗަރުންނަށް ޚާއްސަކޮށްގެން 50،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ލޯނު ނެގޭ ސްކީމެއް އިފުތިތާހު ކޮށްފިއެވެ.
ދަރުބާރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މި ސްކީމް އިފްތިތާހްކޮށްދެއްވުމަށް ފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމު ވިދާޅުވީ، މުދައްރިސުންގެ ފެންވަރު ރަނގަޅުކޮށްދީ މުދައްރިސުންގެ ކުރިއެރުމަށް މަސައްކަތްކުރެއްވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ރަހުނެއް ބެހެއްޓުމެއް ނެތި އަދި ގެރަންޓީދޭނެ ފަރާތަކާއި ނުލައި ލޯނު ލިބޭ "މި ލޯނު ސްކީމުގެ ސަބަބުން ދިރިއުޅުމުގައި މުދައްރިސުންނަށް ދިމާވާ މުހިންމު ކަންތައްތަކުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވިގެން ދާނެ" ކަަމަށް އައިޝަތު ޝިހާމު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކު އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، ތައުލީމީ ދާއިރާ ކުރިއެރުވުމަށް އަބަދުވެސް މަސައްކަތްކުރައްވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމު -- ސަން ފޮޓޯ: މުހައްމަދު ނާސިހ
" ގައުމުގެ މުސްތަގުބަލުގެ ޖީލުތައް ހެޔޮގޮތުގައި ބައްޓަން ކުުރުމަށްޓަކައި ޓީޗަރުން ވަރަށް މުހިއްމު ރޯލެއް އަދާކުރޭ. މިފަދަ ގައުމީ ހިދުމަތެއް އަދާކުރަމުންދާ ބަޔަކަށް އަމާޒުކުރެވިގެން ލޯނެއް ތައާރަފް ކުރެވިގެން ދިއުމަކީ ގައުމީ ބޭންކަށް ލިބޭ ފަޚުރެއް"، އެންޑްރޫ ވިދާޅުވި އެވެ.
މި ލޯނު ނެގުމަށް ބޭންކުގައި ރަހުނެއް ބަހައްޓާކަށް ނުޖެހެއެވެ. އަދި ގެރަންޓާ އެއް ވެސް ބޭނުމެއް ނުވެއެވެ. މި ލޯނަށް އެޕްލައި ކުރާތާ 5 ދުވަސްތެރޭ ލޯނު ހަމަޖެހޭނެ ކަަމަށް ވެސް ބޭންކުން ބުނެއެވެ. އެހެން ލޯނެއް ނަގާފައިވިޔަސް މި ލޯނު ލިބޭނެ ކަަމަށް ވެސް ބޭންކުން ބުނެއެވެ.
މި ލޯނު ލިބުމުގެ ޝަރުތު ތަކުގެ ތެރޭގައި ސަރުކާރު ނުވަތަ އަމިއްލަފަރާތަކުން ހިންގާ ސްކޫލެއްގައި މިހާރު ވަޒީފާ އަދާކުރައްވާ ފަރާތަކަށް ވުން ނުވަތަ މަތީ ތައުލީމު ދޭ މުއައްސަސާއެއްގައި ފުލްޓައިމް ލެކްޗަރާއަކަށް ވުން ހިމެނެއެވެ. 50،000 ރ ލޯނެއް ނަގާނަމަ މަދުވެގެން 10،000 ރ މުސާރައަށް ލިބެންޖެހެއެވެ. މި އުސޫލުން މުސާރަ އިތުުރުވާ ވަރަކަށް ނެގޭ ލޯނުގެ އަދަދު އިތުރުވެއެވެ.
މި ލޯނު އަނބުރާ ދައްކަންޖެހެނީ ފަސް އަހަރުގެ ދުވަހުގެ ތެރޭގައެވެ.

ޓީޗާސް ލޯނު އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން – ސަން ފޮޓޯ: މުހައްމަދު ނާސިހ